English Edition
Dhivehi Edition

މާލޭ ސިޓީ ކައުންސިލް އިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ‘ހިތްގައިމު ފަރު’ ޕްރޮގްރާމްގައި ބައިވެރިވެ މާލެ ވަށައިގެންވާ ފަރުތައް ސާފުކުރުމުގައި އެހީތެރިވެދާނެ ފަރާތްތައް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

މާލޭ ސިޓީއަކީ ސާފު، ފެހި، ތިމާވެއްޓާ ރައްޓެހި ސިޓީއަކަށް ހެދުމަށް، އެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ހާއްސަކޮށް ޑައިވިން އިންސްޓްޓިޔުޝަން ތަކުގެ އެހީތެރިކަން ބޭނުންވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އެހެންކަމުން މިކަމާ ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ 06 ޖޫން 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރުމަށް ކައުންސިލުން ވަނީ އެދިފައެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 07 ޖޫން 2022 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

މި ޕްރޮގްރާމްގެ ދަށުން މާލޭގެ ބޭރުތޮށިގަނޑާއި، ވަށައިގެންވާ ފަރާއި، ފަޅުތެރެ ދެމެހެއްޓެނިވި ގޮތެއްގައި، ބެލެހެއްޓުމުގެ މަސައްކަތް ކްލަބް ޖަމިއްޔާތަކާއި، ޢާއްމުންގެ ބައިވެރިވުމާ އެކީ ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. ފަޅުތެރެ ސާފުކުރުމުގެ އިތުރުން ފަޅާ ފަރަށް ޕްލާސްޓިކާ ކުނިބުނިން ލިބޭ ގެއްލުމާމެދު މީހުން ހޭލުންތެރިކުރުވުމާ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މާލެ ސިޓީ އަކީ ތިމާވެއްޓާއި ރައްޓެހި ސިޓީއަކަށް ހެދުމުގެ ގޮތުން ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި މާލޭ ސިޓީގައި އެއްލައްކަ ގަސް އިންދުުގެ ޕްރޮގްރާމް ހިމެނެއެވެ. އަދި މާލޭ ސިޓީގައި އެކިތަންތަނުގައި ހުރި ޕްލާސްޓިކްތައް ހޮވާ ތިލަފުއްޓަށް ގެންދިއުން ‘ޕްލާސްޓިކާއި ދުރުވާ’ ކިޔާ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ނިންމާފައެވެ.