English Edition
Dhivehi Edition

ރާއްޖޭގެ 3 ސްކޫލްއެއްގައި “އިންކްލޫސިވް އެޑިޔުކޭޝަން ސަޕޯޓް” ޔުނިޓްތައް ގާއިމްކުރުމަށް އިންޑިއާއިން 4.6 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފިއެވެ.

މި އެހީގެ ދަށުން އެ ތިން ސްކޫލްގައި އިންސާނީ ވަސީލަތްތައް ގާއިމްކުރުމާއި ބޭނުންވާ އިންފްރާސްޓްރަކްޗަރ އާރާސްތުކޮށް ތަރައްގީކުރުން ހިމެނެއެވެ. މީގެ އިތުރުން އެ ޔުނިޓްތަކަށް ބޭނުންވާ އެހެނިހެން ތަކެތި ހޯދުމާއި އުނގަންނައިދިނުމާއި ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ ދަށުން “ސެން” ޔުނިޓުތައް ގާއިމް ކުރުމަށް ހަމަޖެހިފައި ވަނީ ގދ. ތިނަދޫގައި ހުންނަ އަބޫބަކުރު ސުކޫލާއި ލ. ގަމުގެ އިހައްދޫ ސުކޫލުގެ އިތުރުން ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ތައުލީމީ މަރުކަޒެވެ.

މި އެހީ ހަވާލުކުރުމަށްޓަކައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަނޫ މަހާވަރާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިފަދަ މަޝްރޫއުތަކަކީ، އިންޑިޔާއިން ރާއްޖެއަށް ވެދޭ ތަރައްޤީގެ އެހީގެ މައިގަނޑު އެއް ދާއިރާއެވެ. މީގެ ތެރޭގައި ފެހެންދޫ-ގޮއިދޫ ސްޓޫޑެންޓް ފެރީ ހަދިޔާކުރުމާއި، ރާއްޖޭގެ 67 ރަށެއްގައި ކުޑަކުދިންގެ ޕާކު ޤާއިމްކުރުމަށް ބޭނުންވާ ސާމާނު ހަދިޔާކުރުމާއި، “ފިޔަވަތި – ހޯމް ފޮރ ވަލްނަރަބަލް ޗިލްޑްރަންސް” މަރާމާތުކުރުން ހިމެނެއެވެ. މީގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގައި އީ.އެސް ސަޕޯޓް ޔުނިޓްތައް ހަރުދަނާކުރުމާއި، ޅޮއްސާއި ކިނޮޅަހު ސްކޫލްގައި ކްލާސްރޫމްތައް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އިންޑިއާގެ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި 45 އަށްވުރެ ގިނަ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ދަނީ ހިންގަމުންނެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 20 ވަރަކަށް މަޝްރޫއު ނިންމާ އިފްތިތާހު ކޮށްފައިވެއެވެ.