English Edition
Dhivehi Edition

އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫ ސިޓީގެ ފަސް ސަރަހައްދެއްގައި ޓޫރިސްޓް ޒޯންތަކެއް ޤާއިމްކުރުމުގެ މަސައްކަތް ފެށިގެން ދިޔައިރު މީދޫގެ ޓޫރިޒަމް ޒޯނަކީ އެ އަވަށުގެ އިތުރުން މުޅި އައްޑޫ ސިޓީގެ އުއްމީދާއި ވެސް ގުޅިފައިވާ ތަނެކެވެ. އެ ތަނުގެ ލޭންޑް ސްކޭޕިންގެ މަސައްކަތް ނިމިގެން ދިޔައިރު އެއީ މުޅި އައްޑޫގައިވެސް ފާހަގަކޮށްލެވޭ ފަދަ ރީތި އަދި ހިތްގައިމު ތަނަކަށްވެގެން ދިޔައެވެ. ރީތި މާފޮޅާ ގަސްތަކާއި މަޑު ރީދޫ ކުލައިގެ ލައިޓުތަކުން އެ ސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދިންއިރު، އެ ތަނުގައި ފޮޓޯ ނަގާލުމުގެ ބޭނުމުގައިވެސް އެ އަވަށަށް ޒިޔާރަތް ކުރާ މީހުން މަދެއް ނޫނެވެ.

ތަރައްގީގެ ހިތްގައިމު ކުލަވަރުތަކާއެކު، 27 މާރިޗް 2022 ވަނަ ދުވަހު އައްޑޫސިޓީ މުލިމަތި ޓޫރިސްޓް ޒޯން އިފްތިތާހްކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ އެސް ޖައިޝަންކަރާއި، ރާއްޖޭގެ ޚާރިޖީ ވަޒީރު އަބުދުﷲ ޝާހިދާއި، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރެވެ. އެ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީގައި ޓޫރިސްޓް ޒޯންތަކެއް ތަރައްޤީ ކުރުމަކީ އައްޑޫ ސިޓީގެ ވިޔަފާރި އާއި އިގްތިސާދަށް ރަނގަޅު ބަދަލެއް ގެނުވާނެ ކަމެއް ކަމަށެވެ. މީދޫގެ ޓޫރިޒަމްގެ ޒޯންގެ ލޭންޑް ސްކޭޕިންގެ މަސައްކަތް ނިންމައި އިފްތިތާހް ކުރި އިރު ދެން އެންމެ އަވަހަށް ނިމިގެން ދާނީ ހުޅުދޫގެ ޓުއަރިޒަމް ޒޯންގެ ސަރަހައްދުކަމުގައި މޭޔަރު ފާހަގަކުރެއްވިއެވެ. އުއްމީދުން ފުރިގެންވާ މި ވާހަކަތަކާއެކު މީދޫގެ ރައްޔިތުންނަށްވެސް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައިރު މިއަދު އެ ސަރަހައްދުގެ މުޅި މަންޒަރު ވަނީ ބަދަލުވެފައެވެ.

މީދޫ ޓޫރިޒަމް ޒޯންގެ ލޭންޑް ސްކޭޕިންއަށް އެކަނިވެސް 3.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއަދު އެ ސަރަހައްދުން ކުރިން ފެނުނު އާރޯކަމާއި ހިތް ފަސޭހަކަމެއް ނުފެނެއެވެ. އެ ސަރަހައްދު ނުބެލެހެއްޓި ދޫކޮށްލުމުގެ ސަބަބުން ގަސްތައް މަރުވެ ވިނަތައް ފަޅާފައިވާއިރު، މި މަންޒަރަކީ ބަލަން އެހާ ފަސޭހަ މަންޒަރެއް ނޫނެވެ، މި ސަރަހައްދު ނުބެލެހެއްޓި މުޅި ސަރަހައްދު ފެހި ކުރުމަށް ކުރި ހަރަދު ބޭކާރުވެގެންދާއިރު، މިކަމުގެ ޒިންމާ ނަގާ މި ތަން ބެލެހެއްޓުމުގެ ޒިންމާ ނަގާނެ ބައެއް ނެތެވެ. “ނުބެލެހެއްޓި ވާ ވެގެން އެ ދަނީ. އެ ތަން ބެލެހެއްޓުމަށް ހާއްސަކޮށް މުވައްޒަފުން ތިބި ނަމަ އެ ސަރަހައްދު ފުރިހަމައަށް ރަނގަޅަށް ބެލެހެއްޓޭނެ.” އޭއޯ ނިއުސްއަށް މައުލޫމާތު ދެއްވަމުން މީދޫ ދާއިރާގެ ކައުންސިލަރު އާމިނަތު ސާލިހާ ވިދާޅުވިއެވެ.

މީގެ އިތުރުން ސާލިހާ ވިދާޅުވީ މިހާރުވެސް މުނިސިޕަލްގެ މުވައްޒަފުން އެތަން ބެލެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަމަށާއި އެކަމަކު އެއީ އެންމެ 6 މުވައްޒަފުންނަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ” މުނިސިޕަލްގެ 06 މުވައްޒަފުން، މުޅި ރަށުގެ އެކި ސަރަހައްދު ތައް ސާފުކުރަމުން އެ ތަން ބެލެހެއްޓުމަކީ ވާނެކަމެއް ނޫން. ގަހަށް ފެންދިނުމާއި ވިނަތަކަށް ފެން ދިނުން ފަދަ މަސައްކަތްތައް ކުރުމަށް މީހުން ބޭނުންވޭ. ” އާމިނަތު ސާލިހާ ވިދާޅުވިއެވެ. ” ދުނިޔޭގެ ތަންތާ ލޭންޑްސްކޭޕިން ހަދަނީ އިމާރާތްތައް ކުރުމަށްފަހު” އިތުރަށް ސާލިހާ ވިދާޅުވިއެވެ.

ކޮންމެއަކަސް، އިސްފަސްކޮށް ވިޔަސް، މިއަދު މިއޮތީ ބޮޑު ހަރަދެއްކޮށް އެ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައެވެ. އެ ސަރަހައްދު ބެލެހެއްޓުމަށް އިތުރު މުވައްޒަފުން ބޭނުންވާއިރު މިކަމަށް މީދޫ ކައުންސިލަރުގެ އިތުރުން މީދޫގެ ގިނަ ރައްޔިތުންވެސް އަންނަނީ ވަކާލާތުކުރަމުންނެވެ. އެކަމަކު އަދި މިހާތަނަށް އެކަމަށް އެއްވެސް އަލި މަގެއް ފެނިފައިނުވާއިރު، އައްޑޫ ސިޓީ ކައުންސިލާއި ސަރުކާރުންވެސް މިތަން ވީރާނާވާން ދޫކޮށްލާނީތޯ ބުނެ ގިނަ ބަޔަކު އަންނަނީ ސުވާލު ކުރަމުންނެވެ.

ސ.މީދޫ ޓޫރިޒަމް ޒޯންއަށް މިއަހަރުގެ ބަޖެޓްގައިވެސް 2,918,391 ރުފިޔާ ކަނޑައަޅާފައިވާއިރު، މި މަތަނުގެ މަސައްކަތަކީ ދިގު މުއްދަތަކަށް، މީދޫ ރައްޔިތުންނަށް ފައިދާ އާއި މަންފާ ލިބޭ މަސައްކަތަކަށް ހެދުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުމެވެ. މިހާރުވެސް އެ ސަރަހައްދުން 04 ގެސްޓް ހައުސް ޕްލޮޓް ދޫކޮށްފައިވާއިރު ބާކީ 10 ގެސްޓް ހައުސް ޕްލޮޓަށްވެސް ވަނީ ބިޑް ހުށަހަޅާފައެވެ. އެހެންކަމުން މީދޫ ‘ރީތި’ ޓޫރިޒަމް ޒޯންގެ ‘ހިތްގައިމުކަން’ ގެއްލުމުގެ ކުރިން އެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓޭނެ އިންތިޒާމެއް ހޯދަންޖެހެއެވެ.

 

1 ކޮމެންޓް
ރަދީފްއޮފިޝިއަލް
ޖޫން 1, 2022
އަތް ޖަހާ އަތް ޖަހާ މީދޫ ކޮހާމެން.