English Edition
Dhivehi Edition

ޔޫރަޕުގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތްކަމުގައިވާ ޔޫއެފާ ޗެމްޕިއަންސްލީގު ތަށި 14 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން އުފުލާލައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ތަށި ރެއާލުން އުފުލާލީ ރޭ ފްރާންސްގެ ޕެރިހުގައި ކުޅުނު ފައިނަލް މެޗުގައި ވަރުގަދަ ލިވަޕޫލް 0-1 ގެ ނަތީޖާ އިން ބަލިކުރުމަށް ފަހުގައެވެ.

ރޭގެ ފައިނަލް މެޗްގައި ދެތީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ވަރަށް ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެކެވެ. ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވުފައެއް ނުވެއެވެ.

ރޭގެ މެޗުގައި ރެއާލަށް ވުރެ ރަނގަޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ލިވަޕޫލުންނެވެ. ނަމަވެސް ރެއާލުގެ ގޯލްކީޕަރު ތިބައު ކޯޓުއާގެ ހުސިޔާރުކަމުން ލިވަޕޫލަށް ރެއާލްގެ ގޯލަށް ބޯޅަ ވައްދާލެވޭގޮތް ވަނީ ނުވެފައެވެ.

މި މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ފެނިގެން ދިޔައީ މެޗްގެ ފަހު ހާފުގައެވެ. ފަހު ހާފު ފެށިގެން 59 ވަނަ މިނެޓްގައި ރެއާލް އިން ލަނޑު ޖަހާ މެޗުގެ ލީޑު ނެގިއިރު، މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ވިނިސެސް ޖޫނިއާރ އެވެ.

މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ތަށި ރެއާލް މެޑްރިޑުން އުފުލާލިއިރު އެޓީމުން އެންމެފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ވެސް ފައިނަލުގައި ލިވަޕޫލު ބަލިކޮށްފައެވެ. އެއީ 2018 ވަނަ އަހަރުގައެވެ.

ޗެމްޕިއަންސް ލީގުގެ އިތުރުން ރެއާލުން ވަނީ މި ސީޒަނުގައި ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. މިއީ އެއް ސީޒަނެއްގައި ރެއާލުން ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ.