English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެތެރޭގެ އިންތިޚާބުތައް މިއަހަރުގެ ޖުލައި މަހު ބާއްވަން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

އެ ޕާޓީން ބުނީ ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރުމުގެ ހެޔޮ ނިޔަތް އެބައޮތް ކަމަށެވެ. އަދި އެ ޕާޓީން ވާދަކުރަން ނިންމާފައިވާ ނިންމުމަށް އަދިވެސް ބަދަލު ނާންނަ ކަމަށެވެ.

އެމްއެންޕީގެ ރައީސް ކާނަލް ރިޓެއަރޑް މުޙައްމަދު ނާޒިމް ވިދާޅުވީ އެކަމަށްޓަކައި އެ ޕާޓީގެ އެކި މަގާމުތަކުގައި ވަގުތީގޮތުން ތިއްބެވި ބޭފުޅުން ދާއިމީ ކުރުމަށްޓަކައި، އެ ޕާޓީގެ އެތެރޭގެ އިންތިޚާބު އަންނަ ޖުލައި މަހު ބާއްވާނެ ކަމަށެވެ.

“އެތެރޭގެ އިންތިޚާބަށްފަހު، ޕާޓީގެ ހުރިހާ މަގާމުތަކެއް ދާއިމީކޮށް، ޖުލައި މަހުގެ ފަހުކޮޅު ޕާޓީގެ ކޮންގްރެސް ބާއްވާނަން. އެއަށްފަހު 2023 ގެ ޓިކެޓަށް ހުޅުވާލާނީ. 2023 ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ޕާޓީގެ ކެންޑިޑޭޓް ކަނޑައަޅާނީ އެކަމަށް ކުރިމަތިލާ ފަރާތްތަކުގެ މެދުގައި ބާއްވާ އިންތިޚާބަކުން.” ނާޒިމް ވިދާޅުވިއެވެ.

2023 ގައި ނެރޭ ރިޔާސީ ކެނޑިޑޭޓަށް ވުމަށްޓަކައި ރިޔާސީ ޓިކެޓަށް ކުރިމަތިލައްވާނެކަން މީގެ ކުރިންވެސް އިއުލާންކުރައްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތީ ދާއިރާގެ މަޖިލިސް މެމްބަރުކަން މިހާރުކުރައްވަމުން ގެންދަވާ ނާޒިމް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމެވީ ދިވެހި ރައްޔިތުންނާއި ގައުމަށް ރަނގަޅު ގޮތް ހޯދައިދިނުމަށް ކަމަށެވެ.