English Edition
Dhivehi Edition

އިޓަލީ ލީގުގެ ފަހު މެޗުގައި ރޭ ސަސުއޯލޯ އަތުން 3-0 އިން މޮޅުވެ، އޭސީ މިލާނުން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ވަރުގަދަ އިންޓަމިލާން ފަހަތައް ޖައްސާލުމަށް ފަހު އިޓަލީގެ ޗެމްޕިއަންކަން މިލާނުން ހޯދިއިރު، މިއީ އެ ކުލަބުން އިޓަލީގެ ޗެމްޕިއަންކަން ހޯދި 19 ވަނަ ފަހަރެވެ.

މިލާނުން އެންމެ ފަހުން އިޓަލީގެ ޗެމްޕިއަންކަން ހޯދީ 2011 ވަަނަ އަހަރުގައެވެ. އޭގެ ފަހުން ލީގު ނުލިބި ގިނަ އަހަރުތަކެއް ހޭދަކުރުމަށް ފަހު މި ފަހަރު ލީގު ޗެމްޕިއަންކަން މިލާނުން މިވަނީ ހޯދާފައެވެ.

މިލާން ލީގުގެ އެއް ވަނަ ހޯދީ މިފަހަރުގެ ލީގުގައި ކުޅުނު 38 މެޗުން ލިބުނު 86 ޕޮއިންޓާއި އެކުއެވެ. މިލާނުން ވަނީ މިފަހަރު ލީގުގައި އެޓީމުން ކުޅުނު 38 މެޗުގެ ތެރެއިން 26 މެޗުން މޮޅުވެފައެވެ. 8 މެޗުން އެއްވަރުވި އިރު، 4 މެޗުން ވަނީ ބަލިވެފައެވެ.

ލީގުގެ ދެވަނަ އިންޓަ އަށް ލިބުނުއިރު، އެޓީމަށް ދެވަނަ ލިބުނީ ކުޅުނު 38 މެޗުން ލިބުނު 84 ޕޮއިންޓާއި އެކުގައެވެ. ތިން ވަނަ ހޯދި ނަޕޯލީ އަށް 38 މެޗުން ލިބުނީ 79 ޕޮއިންޓެވެ.

ރޭގެ އެންމެ ފަހު މެޗުގައި މިލާން ބައްދަލުކުރީ ސަސުއޯލޯ އާއެވެ. ސަސުއޯލޯ ދަނޑުގައި ރޭ ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުގައި މިލާން މޮޅުވިއިރު، އެޓީމުގެ ލަނޑުތައް ޖަހައިދިނީ ފްރެންކް ކެސީ އަދި އޮލިވަރ ޖީރޫޑް އެވެ. ޖީރޫޑް ވަނީ މި މެޗުގައި ދެ ލަނޑު ޖަހައިދީފައެވެ.