English Edition
Dhivehi Edition

މުޖުތަމައުގައި އަންހެނުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި އަދި އެކަންތައްތަކުން އަރައިގަންނާނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށް އެކަންކަމަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ ގޮތުން ސަދަން ކޮމިޔުނިޓީ އެމްޕަވަމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އިން ކުރިއަށް ގެންދާ “ޓީ އެންޑް ޓޯކް” ގެ 3 ވަނަ ސިލްސިލާ ޕްރޮގްރާމް އައްޑޫސިޓީގެ މީދޫގައި ކުރިއަށް ގެންގޮސްފިއެވެ.

މިއަހަރުގެ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހާއި ގުޅުވައިގެން ސްކީމް ގެ އައްޑޫޗެޕްޓަރ އިން އިސްނަގައިގެންފެށި ޕްރޮގްރާމުގެ ފުރަތަމަ ބައްދަލުވުން މާރޗް މަހުގައި މަރަދޫގައި ބާއްވާފައިވާ އިރު ފުރަތަމަ ޕްރޮގްރާމު ޚާއްޞަ ކުރީ މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރާއި ގުޅުވައިގެން “ބްރެކް ދަ ބަޔާސް” މި މައުޟޫއަށެވެ. އަދި 2 ވަނަ ޕްރޮގްރާމު އެޕްރީލް މަހު ހިތަދޫގައި ބާއްވާފައިވާއިރު އެ ޕްރޮގްރާމުގެ މައުޟޫއަކީ “ސެލްފް ކެއަރ އެންޑް ބެލެންސެވެ.” އަދި މިފަހަރުގެ ޕްރޮގްރާމު މީދޫގައި ކުރިއަށް ގެންގޮސްފައިވާއިރު މި ޕްރޮގްރާމުގައި މައުޟޫއެއްގެ ގޮތުގައި ނަގާފައިވަނީ “އެލިމިނޭޓިންގ އެންޑް ޕްރެވެންޓިންގ ޑޮމެސްޓިކް ވައިލެންސް” އެވެ.

މީދޫއަވަށުއޮފީހުގައި ބޭއްވި މި ޕްރޮގްރާމުގައި ގެސްޓް ސްޕީކާރ އެއްގެ ގޮތުގައި އަތޮޅު މަދުރަސާގެ ޕްރިންސިޕަލް ޒީނިޔާ ބައިވެރިވެލެއްވެވި އިރު މީދޫގެ 20 ވަރަކަށް މީހުން ވަނީ އިއްޔެގެ ޕްރޮގްރާމުގައި ބައިވެރިވެ މައުޟޫއާއި ގުޅޭގޮތުން މަޝްވަރާކޮއް އަމިއްލަ ތަޖުރިބާ ހިއްސާކުރުން ފަދަ ކަންކަން ކުރިއަށް ގެންގޮސްފައެވެ.

މިއީ އަންހެނުންގެ ގުރޫޕް ތަކުގައި އެމީހުންނަށް ދިމާވާ ތަފާތު އެކިކަހަލަ މައްސަލަތަކާއި ގުޅޭ ގޮތުން މައުލޫމާތު ބަދަލުކޮށް ޚިޔާލު ފާޅުކޮށް މަޝްވަރާހޯދުމާއި ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމާއި ގުޅޭ ކަންކަމުގައި ބައިވެރިވެގެން މަސައްކަތް ކުރުމާއި މުޖުތަމައުގެ އަންހެނުން ބާރުވެރިކުރުމުގެ މަގްޞަދުގައި ސްކީމް އިން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ޓީއެންޑް ޓޯކްގެ 4 ވަނަ ޕްރޮގްރާމު އަންނަ ޖޫން މަހު ބާއްވާ އިރު އެ ޕްރޮގްރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ ފޭދޫގައެވެ.