English Edition
Dhivehi Edition
މީގެ ކުރިން ސައުދީ އިން ރާއްޖެ އަށް ހަދިޔާކުރި ކަދުރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސައުދީ އަރަބިއްޔާ އިން ރާއްޖެއަށް ހަދިޔާކޮށްފައިވާ 50 ޓަނުގެ ކަދުރު މި މަހުގެ 16 ވަނަ ދުވަހު, ބަހަން ފަށާއިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ސައުދީ އިން ލިބުނު ކަދުރު ބަހާނެ ގޮތުގެ އުސޫލުވެސް އާންމުކޮށްފައެވެ. ކަދުރު ބަހާނީ 2022 މެއި 16 ވާ ހޯމަ ދުވަހުން ފެށިގެން 2022 މެއި 31 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމައަށެވެ،

މިގޮތުން މާލެ ސިޓީއާއި، އައްޑޫ ސިޓީއާއި، ފުވައްމުލަކު ސިޓީއާއި، ކުޅުދުއްފުށި ސިޓީ އަދި އަތޮޅުތަކުގެ ރަށްރަށަށް ކަދުރު ބަހާނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުންނެވެ. އަދި މިއަހަރު އިސްލާމިކް މިނިސްޓްރީގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބިސީއަކަށް އެއްޕަކެޓް ކަދުރު ދޭ އުޞޫލުންނެވެ. މިގޮތުން ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ، އުޞޫލުން ކޮންމެ ގޭބިސީއަކަށް އެއްޕަކެޓް ކަދުރެވެ.

ގޭބިސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ ސައްޙަކަން އެގޭފަދަ ލިޔުމެއް ނުވަތަ ކަދުރާއި ޙަވާލުވާ ފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށް އިއުލާނުގައިވެއެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު މެދުވެރިކޮށް އިސްލާމީ މަރުކަޒުގައެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލްތަކުންނާއި، ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށެވެ.