English Edition
Dhivehi Edition

ޤާނޫން ނަމްބަރު 2009/8 ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ކަނޑައަޅާފައިވާ ކަންކަން އެންމެއެދެވޭ ގޮތުގައި ޕެންޝަންގެ ހައްގުވެރިންނަށް ލިބިގެންނުދާކަމުގެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލަ ހުށަހަޅުއްވަމުން މޯލްޑިވްސް ނެޝަނަލް ޕާޓީން ކުރި ދިރާސާއަކުން ދައްކާގޮތުގައި މި ޤާނޫނު ވުޖޫދުވެ، ތަންފީޒުކުރަން ފެށިގެން މިއަދާއި ހަމައަށް މި ޤާނޫނުގެ މަޤުޞަދުތަކާއި ލާޒިމުކޮށްފައިވާ ޒިންމާތަކާއި ޤާނޫނުން ކަނޑައަޅާފައިވާ ކަންކަން އެންމެއެދެވޭ ގޮތެއްގައި ޕެންޝަންގެ ހައްގުވެރިންނަށް ލިބެމުންނުދާކަން ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން އެ ޤާނޫނުގެ 11 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނާއި 12 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ރިޓެއަރމެންޓް ސްކީމް އެދެވޭ ގޮތެއްގައި ތަންފީޒު ކުރެވެމުން ދާކަން ނުވަތަ ނޫން ކަން ފާހަގަކުރެވިފައިވާ ކަމަށް ތިމަރަފުށި ދާއިރާގެ މަޖިލިސް މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ ޢަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.

“ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނު އެންމެފުރަތަމަ އެކުލަވާލެވުނުއިރު، އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ މި ޤާނޫނުގެ ދަށުން ލިބޭ ޕެންޝަނެއް ނުވަތަ އެހެންވެސް ޕެންޝަނެއްގެ ގޮތުގައި ލިބޭ އަދަދަކީ އަސާސީ ޕެންޝަނުގެ އަދަދުގެ ދެގުނައަށްވުރެ ކުޑަ އަދަދެއްނަމަ، އެފަރާތަށް އަސާސީ ޕެންޝަން ލިބިދެވޭނީ އެ ޕެންޝަނުގެ ގޮތުގައި ލިބިދޭ އަދަދުގެ 50 ޕަސެންޓު އަސާސީ ޕެންޝަނުން ކެނޑުމަށްފަހު ބާކީވާ އަދަދެވެ. އަދި ހަމައެހެންމެ މި ޤާނޫނުގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ މި ޤާނޫނުގެ ދަށުން ލިބޭ ޕެންޝަނެއް ނުވަތަ އެހެންވެސް ޕެންޝަނެއްގެ ގޮތުގައި ލިބޭ އަދަދަކީ އަސާސީ ޕެންޝަނުގެ ދެގުނައަށްވުރެ ގިނަ އަދަދެއް ނަމަ، އެފަރާތަށް އަސާސީ ޕެންޝަން ނުލިބޭނެވެ. މިހެންނެވެ.” ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ އޭގެފަހުން 10 މާރޗު 2019 ގައި އެ ޤާނޫނަށް ގެނެސްފައިވާ ހަތަރުވަނަ އިސްލާހުގެ ދެވަނަ ނަމްބަރުގައި 11 ވަނަ މާއްދާގެ (ށ) އިސްލާހުކޮށްފައިވަނީ މޯލްޑިވްސް ރިޓެއަރމެންޓް ސްކީމުން ލިބޭ ޕެންޝަންގެ އަދަދަކީ އަސާސީ ޕެންޝަންގެ ދެގުނައަށްވުރެ ކުޑަ އަދަދެއްނަމަ، ޢުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ލިބިދެވޭނީ އެ ޕެންޝަންގެ ގޮތުގައި ލިބޭ ފަންސާސް އިންސައްތަ އަސާސީ ޕެންޝަނުން ކެނޑުމަށްފަހު ބާކީވާ ޢަދަދު ކަމަށެވެ.

މި އިސްލާހުގެ ނަތީޖާގެ ސަބަބުން އަސާސީ ޕެންޝަނުގެ ގޮތުގައި ލިބެންޖެހޭ 5000 ރުފިޔާ ޕެންޝަންގެ ހައްގުވެރިންނަށް ފުރިހަމައަށް ލިބުމަށް ހުރަސްއެޅިފައިވާކަން ރިޔާޒު ވަނީ ފާހަގަކުރައްވާފައެވެ.

ރިޔާޒު ވިދާޅުވީ ރިޓެއަރމެންޓް ސްކީމާއި ޢުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތަކީ މުޅިން ތަފާތު ދެ ސްކީމަކަށްވެފައި، ދައުލަތުގެ ބަޖެޓަށް ބުރަބޮޑުވުމަކީ އެއްވެސް މީހެއްގެ ހައްގަށް އުނިކަމެއް އަންނަންޖެހޭނެ ޢުޒުރެއް ނޫން ކަމަށެވެ.

އެހެންވެ ޤާނޫނުތައް ބައްޓަން ކުރެވިފައިވާގޮތާއި މި ސްކީމުތަކަށް ގެނެސްފައިވާ އިސްލާހުތަކުގެ ނަތީޖާއަކީ ގިނަ އަހަރުތަކަކަށް ވަޒީފާއަދާކޮށް ރިޓެއަރވެފައިވާ ފަރާތްތަކާއި ވަޒީފާއަދާނުކޮށް ޢުމުރުން ދުވަސްވުމުން ޕެންޝަން ލިބޭ ފަރާތްތަކަށް ލިބޭ މާލީ މަންފާތަކުގެ މާބޮޑު ތަފާތެއް ނެތުން ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

“ރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނު ވުޖޫދުކޮށް ތަބްފީޒުކުރުމުގެ މަޤުޞަދަކީ ރިޓެއަރމެންޓް ސްކީމުގެދަށުން ޕެންޝަނުގެ ގޮތުގައި ލިބޭ ފައިސާ އާއި ޢުމުރުން ދުވަސްވުމުން ލިބިދޭ ޕެންޝަން ހަމައަށް ލިބޭނެގޮތެއް ހޯދުމަށް މަސައްކަތްކުރުން. ނަމަވެސް ޤާނޫނަށް ފަހުން ގެނެވުނު އިސްލާހުތަކުގެ ސަބަބުންނާއި ޤާނޫނު ތަންފީޒު ކުރުމުގައި މިހާރުޢަމަލުކުރަމުންދާ ގޮތުގެ ސަބަބުން ޤާނޫނުން ކަނޑައަޅާފައިވާ މަޤުޞަދުތައް ހާސިލުނުވުމުގެ އިތުރުން ޕެންޝަނުގެ ފައިސާ ދިނުމުގައި އިންސާފުވެރި ނޫން ގޮތަކަށް ކަންކަން ހިނގަމުންދާކަން ފާހަގަކުރެވޭ.” މައްސަލަ ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވިއެވެ.

އެހެންވެ، ޤާނޫން އަލުން މުރާޖާކުރުމަށްފަހު، ޤައުމަށް އެތައް ޚިދުމަތެއް ކޮށްދެއްވާފައިވާ މީހުންގެ ހައްގުތަކަށް އެއްވެސް އުނިކަމެއް ނާންނާނެގޮތުގެ މަތިން ޕެންޝަން ދިނުމުގައި ޢަމަލުކުރުމަށް ވެސް އެ މައްސަލައިގާ ވަނީ ބުނެފައެވެ.