English Edition
Dhivehi Edition

ތ. ކަނިމީދޫ ކުއްޔަށް ދިނުމުގެ ސަރުކާރުގެ ވިސްނުމަކީ އެ އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު ތަރައްގީ ކުރުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ތ. ކަނިމީދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެއްވުމަށް ސަރުކާރުން މިހާރު ގެންގުޅުއްވާ ވިސްނުންފުޅަކީ ކޮބައިތޯ ބެއްލެވުމަށް ތިމަރަފުށި ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޟު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ކަނިމީދޫ ތަރައްގީ ކުރުމުގައި މިނިސްޓްރީން ގެންގުޅޭ ވިސްނުމަކީ ވީހާވެސް އަވަހަކަށް އެރަށް ތަރައްގީކުރާނެ ފަރާތެއް ހޯދާ، އެރަށް ތަރައްގީކުރަން ހަވާލުކުރުން ކަމަށާއި އެރަށުން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ 10 ހެކްޓަރުގެ ބިން ބިޑަށް ލައިގެން އެކަމަށް އެއްވެސް ފަރާތެއްގެ ޝައުގުވެރިކަން ލިބިފައި ނުވާ ކަމަށެވެ.

އެހެންކަމުން ޕްރޮސަބްސިޓީ އުސޫލުން މުޅި ރަށް ކުއްޔަށް ދިނުމަށް ގަސްދުކޮށް، އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

“މި އުސޫލުން ތ. ކަނިމީދޫ ކުއްޔަށް ދިނުމުގެ ސަރުކާރުގެ ވިސްނުމަކީ ތ. އަތޮޅުގެ ވައިގެ ދަތުރުފަތުރުގެ ނިޒާމު، ޚާއްޞަކޮށް ވިލުފުށި އެއަރޕޯޓު ތަަރައްގީ ކުރެވޭގޮތަށް އެކަންތައް ކުރުން. އަދި ޕްރޮސަބްސިޓީ އުސޫލުން ތ. ކަނިމީދޫގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް އަންސޮލިސްޓެޑް ޕްރޮޕޯސަލް ހުށަހަޅާފައިވާ ފަރާތަކާއެކު ސަރުކާރުން މިހާރުދަނީ މަޝްވަރާ ކުރަމުން.” މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން ކަނިމީދޫން ފަތުރުވެރިކަމަށް މިހާރުކަނޑައަޅާފައިވަނީ 10 ހެކްތަރުގެ ބިމެއް ކަމަށްވާތީ ޕްރޮސަބްސިޓީ މޮޑެލްއަށް ފަހިކުރުމުގެ ގޮތުން އެރަށުގެ ބާކީބައި ވެސް ފަތުރުވެރިކަމަށް ކަނޑައަޅައިދެއްވުމަށް އެދި އޭޕްރީލް 13 ގައި ކަމާއިބެހޭ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

1 ކޮމެންޓް
ކަރީނާ
މެއި 16, 2022
ވިސްނަންވީ މިހާރު އޮތް އެއަރޕޯޓަށް