English Edition
Dhivehi Edition
ފޮޓޯ: މުނިއަވަސް

ކުޅަދާނަ ޓީވީ ޕްރެޒެންޓަރ މުޙައްމަދު ޝަނޫނުގެ ފިލްމީ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ކުރު ފިލްމު “ހަށި” ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

މި ފިލްމު މީޑިއާ ނެޓްގެ އެމް އެސް ޓީވީން ބަލައިލެވެން ހުރިއިރު، ޝަނޫން ބުނީ މިއީ މީޑިއާނެޓްގެ އެމް އެސް ޝޯޓް މޫވީ ޗެލެންޖަށް ހެދި 25 މިނެޓުގެ ކުރު ފިލްމެއް ކަމަށެވެ.

މި ފިލްމުގައި ތަރިންގެ ގޮތުގައި ހަރަކާތްތެރިވަނީ ރާއްޖޭގައި މިހާރުތިބި ބަޠަލާއިންގެ ތެރެއިން އެންމެކުޅަދާނަ އެއް ބަޠަލާ ހުނަރުވެރި ތަރި މަރްޔަމް އައްޒަ އާއި “ކަރުހަކުރު” އަދި “އޮފީސް ލޯބި” ފަދަ ކޮމެޑީ ރޯލުތަކުން ޖާގަހޯދަމުން އަންނަ މުޙައްމަދު އަފްރާހް އާއި ޔޫޝަޢު އެވެ.

ޑައިރެކްޓަރުގެ ހައިސިއްޔަތުން ޝަނޫނު ބުނީ އޭނާގެ އުއްމީދަކީ މި ފިލްމަކީ ބެލުންތެރިންނަށް ވަރަށް ކަމުދާ ގޮތަކަށް ގެނެސްދެވިފައިވާ ފިލްމެއްކަމަށް ވާނެކަމަށެވެ. އަދި މި ފިލްމު މިހައިތަނަށް ބެލި ފަރާތްތަކުން ތަޢުރީފުގެ ކޮމެންޓްތައް ޝަނޫންގެ މަސައްކަތަށް ދީފައިވާ ކަމަށެވެ.

“މިއީ ހަށި ވިއްކާ އަންހެން ކުއްޖެއްގެ ދިރިއުޅުމަށް އައި އިިންގިލާބަކަށް އަމާޒުކޮށް ހަދާފައިވާ ފިލްމެއް. އަޅުގަނޑުމެންގެ މުޖުތަމަޢު ތެރޭގައި ވިސްނާލަން ޖެހޭ، މެސެޖް ދޭން ޖެހޭ ވަރަށް މުހިއްމު ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. ’ހަށި‘ މި ފިލްމަކީ އޭގެ ތެރެއިން ވަރަށް މުހިއްމު ކަމަކަށް ފޯކަސްކުރެވިގެން ގެނެވިފައިވާ ފިލްމެއް. އާދެ މި ފިލްމުގަ މި ދައްކައިދެނީ ހަށިވިއްކާ އަންހެން ކުއްޖެއްގެ ދިރިއުޅުން. އޭނަ ކައިރިއަށް ހަށިގަންނަން ދާ މީހެއްގެ ފަރާތުން ފެންނަ ތަފާތު ކަންތައްތަކެއް، އާދަޔާ ޚިލާފު ކަންތައްތަކެއް ޙަޤީގަތުގަ މި ފިލުމުން މި ދައްކުވައިދެނީ.” ޝަނޫން ބުންޏެވެ.

މީގެ އިތުރުން ޝަނޫން ބުނީ މި ފިލްމުން މުޖުތަމައަށް ރަނގަޅު މެސެޖެއް ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށާއި ބެލުންތެރިން މި މެސެޖް ބަލައިގަންނާނެ ކަމަށެވެ.

“ހަށި” މި ފިލްމަކީ ޝަނޫން އަލަށް ލިޔުނު ސްކްރީންޕްލޭ އަކަށް އޭނާ އަލަށް ހަދާފައިވާ ޑައިރެކްޝަނަކަށްވާއިރު، ޚާއްޞަ ގޮތެއްގައި މި ސްޓޯރީ ގެނެސްދީފައިވާ ގޮތާއި އޭގެން ލިބޭ މެސެޖާ ގުޅޭގޮތުން ނުދަންނަ ފަރާތްތަކުން ވެސް ވަރަށް ގިނަ ކޮމެންޓްތަކެއް ލިބެމުން ދާކަން ޝަނޫން ފާހަގަކުރިއެވެ.

“އަޅުގަނޑު އުއްމީދުކުރަނީ ހަމަ އަދި އިތުރަށްވެސް ބެލުންތެރިން މީތި ބަލާފަ އަޅުގަނޑުމެންނަށް އިތުރު ކޮމެންޓްތައް ކުރަމުން ދާނެ ކަމަށް.“ ޝަނޫން ބުންޏެވެ.

”ހަށި“ ފިލްމަށް ވަނަ ހޯދައިދިނުމަށް ބެލުންތެރިންނަށް ކޮށްދެވޭނެ ކަމަކީ އެމް އެސް ޓީވީގެ ކޮންމެ ޔޫޒަރއަކުން އެއް ފަހަރު ފިލްމު ބަލައިލުންކަން ފާހަގަކޮށް ޝަނޫނު ބުނީ އޭނާވެސް އަދި އޭނާގެ ޓީމުގެ އުއްމީދަކީ ވެސް އެއީ ކަމަށެވެ.

”މަލިކު ދަތުރު“ގެ ނަމުގައި ކާމިޔާބު ޑޮކިއުމެންޓްރީ ސީރީޒެއް އުފައްދާ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ޝަނޫން ހުރީ އޭނާގެ އަލަތު ޑައިރެކްޝަނަށް ލިބޭ ކޮންމެ ފާޑު ކިޔުމެއް ވެސް އުފަލާއެކު ބަލައިގަންނަން ތައްޔާރަށެވެ.

“މަލިކު ދަތުރު” މި ސީރީޒް ބައިސްކޯފުން މިހާރުވެސް ބަލައިލެވެން ހުންނާނެއެވެ.