English Edition
Dhivehi Edition
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް - ފޮޓޯ: ޔޫސުފް ސޮފްވާން ރަޝީދު

އެމްޑީޕީގެ ޗެއަރޕާރސަންގެ އިންތިޚާބު ފައްޔާޟު އިސްމާޢިލް ކާމިޔާބު ކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓަރުގެ މަޤާމު ވެސް އަދާކުރައްވާ ފައްޔާޒް އިސްމާއީލް އެ މަޤާމަށް އިންތިޚާބުވެވަޑައިގަތީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއާ ވާދަކުރައްވާ ބޮޑު ތަފާތަކުންނެވެ.

ގިނަ އަތޮޅުތަކާއި ބޮޑެތި ސިޓީތަކުގެ މެޖޯރިޓީ ވެސް ފައްޔާޟަށް ލިބިވަޑައިގެންނެވިއިރު، ވަގުތީ ނަތީޖާ ދައްކާ ގޮތުން 28،000 އަށްވުރެ ގިނަ ވޯޓު ފައްޔާޟަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި އިންތިއަށް 20،000 އަށްވުރެ ގިނަ ވޯޓް ވަނީ ލިބިފައެވެ.

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ބެހެއްޓި 282 ވޯޓު ފޮށީގެ ތެރެއިން ހުރިހާ ފޮއްޓެއް ވެސް މިހާރުވަނީ ގުނާ ނިމިފައެވެ.

މި އިންތިޚާބު ފައްޔާޟު ކާމިޔާބުކުރެއްވިއިރު، އިންތިގެ ކެމްޕެއިން ޓީމުން ވަނީ އިންތިޚާބުގެ އިންތިޚާބަށް ސަރުކާރުގެ ނުފޫޒު އޮތް ކަމަށާއި ހަތަރު ވޯޓު ފޮއްޓެއްގެ ނަތީޖާއަށް އަސަރުކުރާނެ ފަދަ ޝަކުވާތަކެއް ލިބިފައިވާ ކަމަށް ބުނެ، ޝަކުވާކޮށްފައެވެ.

އެ ޓީމުން ވަނީ އެ ހަތަރު ވޯޓު ފޮށި ބަންދުކޮށްދިނުމަށްވެސް އެދި، އިންތިޚާބާއިބެހޭ ކޮމިޓީއަށް ވެސް ހުށަހަޅާފައެވެ. ނަމަވެސް އެކަމާމެދު އަދި ވަކި ގޮތެއް އަދިނިންމާފައެއް ނުވެއެވެ.

އެމްޑީޕީގެ މި އިންތިޚާބުގައި އެޕާޓީ ތެރޭގައި ވަނީ ދެ ފެކްޝަނެއް އުފެދިފައެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދުކުރާ މެމްބަރުންގެ ފެކްޝަނަކާއި ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންގެ ފެކްޝަނެކެވެ.

އޭގެތެރެއިން ފައްޔާޟަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތް ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލްކުރާ ގިނަ މެންބަރުންނާއި ކެބިނެޓުގެ ގިނަ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންގެ ތާއީދު ވެސް އޮތީ ފައްޔާޟަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު މުހައްމަދު ނަޝީދުގެ ތާއީދު އޮތް ބޭފުޅަކީ އިންތިއެވެ.

އެމްޑީޕީގެ ޗެއަރޕާރސަންގެ އިންތިޚާބުގައި 94،000 ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 282 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.