English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހު ޔޫއޭއީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ޔޫއޭއީގެ ރައީސް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަހުޔާންގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް އޮފީހުގެ ތަރުޖަމާ މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ ޔޫއޭއީގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސާލިހު ފުރާވަޑައިގަންނަވަނީ މާދަމާ މެންދުރު ފަހު ކަމަށެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވެފައިވަނީ މިހަފުތާގެ ހުކުރުދުވަހުއެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމާގައި އެގައުމުގެ މިނިސްޓްރީ އޮފް ޕްރެޒިޑެންޝަލް އެފެއަރޒުންވަނީ ހުކުރު ދުވަހުން ފެށިގެން 40 ދުވަހު ހިތާމަ ފާޅު ކުރާގޮތަށް ހަމަޖައްސާފައެވެ. އަދި ސަރުކާރު އޮފީސްތަކާއި އަމިއްލަ ތަންތަން ވެސް ތިން ދުވަސް ވަންދެން ބަންދުކޮށް، ދިދަތައް ބައި ދަނޑިއަށް ތިރި ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޔޫއޭއީގެ ރައީސް ޝައިޚް ޚަލިފާ ބިން ޒައިދު އަވަހާރަވެފައި ވަނީ އުމުރުފުޅުން 73 އަހަރުގައެވެ.

ޔޫއޭއީގެ ރައީސް އަވަހާރަވުމާއި ގުޅިގެން، އެކަމުގެ ހިތާމާގައި، ދިވެހި ދިދަވެސް ތިން ދުވަސް ވަންދެން ބައި ދަނޑިއަށް ތިރި ކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމާފައެވެ.

ޝައިޚް ޚަލިފާ ބިން ޒައިދު ޔޫއޭއީގެ ރައީސްކަމާއި، އަބޫދާބީގެ ވެރިޔާގެ މަގާމް އަދާކުރަމުން އަންނަނީ 2004 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަހުން ފެށިގެންނެވެ.

1 ކޮމެންޓް
އާމިރު
މެއި 14, 2022
އަބަދު އަރަބި އިމާރާތުގަ.