އެމްޑީޕީގެ އިންތިޚާބު މިއަދު ހެނދުނު ފަށައިފިއެވެ.
މިއަދު ހެނދުނު 9 ޖެހިއިރު ފެށި މި އިންތިޚާބު ހަވީރު 4 ޖަހަންދެން ކުރިއަށްދާނެއެވެ. މި އިންތިޚާބުގައި 272 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.
ފޯރިގަދަ އަދި ވާދަވެރި ކެމްޕޭނަކަށްފަހު ފެށި މި ކެމްޕޭނުގައި 94،000 މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު، މި އިންތިޚާބާއެކު އެޕާޓީގެ ޗެއަރޕަރސަން އިންތިޚާބު ކުރުމާއި އަންހެނުންގެ ރޫޙާއި ޒުވާނުންގެ ހިތްވަރުގެ ލީޑަރުން ކަނޑައެޅޭނެއެވެ.
މި އިންތިޚާބަށް ތައްޔާރުވަމުން އައި އިރު، އެމްޑިޕީގެ ތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފައެވެ. އެއީ ރައީސް އިބްރާހިމް މުޙައްމަދު ސާލިހަށް ތާއިޑު ކުރައްވާ މެމްބަރުންގެ ފެކްޝަނަކާއި ރައީސް މުޙައްމަދު ނަޝީދަށް ވާދަކުރައްވާ މެމްބަރުންގެ ފެކްޝަނެކެވެ.
އެގޮތުން ރައީސް ނަޝީދުގެ ފެކްޝަނުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވާދަކުރައްވާއިރު، ރައީސް ޞާލިހުގެ ފެކްޝަނުން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.
މި އިންތިޚާބުގައި އަންހެނުންގެ ރޫހުގެ ރައީސްކަމަށް ވާދަކުރައްވަނީ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި ސަފާތު އަހްމަދެވެ. ޒުވާނުންގެ ހިތްވަރުގެ ރައީސް ކަމަށް ވާދަކުރައްވަނީ މުހައްމަދު އަންސަރާއި ރިފްގާ ޝިހާމެވެ.
މި އިންތިޚާބުގައި ރައީސް ނަޝީދާއި ރައީސް ސާލިހާއި ޗެއަރޕަރސަންގެ މަޤާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް މިހާރު ވަނީ ވޯޓު ލައްވާފައެވެ. އަދި ގިނަ ޢަދަދެއްގެ މެމްބަރުން ވެސް މިހައިތަނަށް ވަނީ ވޯޓު ލާފައެވެ.