English Edition
Dhivehi Edition

ވަޢުދުވެފައިވާ ފަދައިން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް އަވަސްކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ސަރުކާރަށް ގޮވާލައިފިއެވެ.

އެ ޕާޓީން ސަރުކާރަށް މިގޮތަށް ގޮވާލާ ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނެ ކަމަށެވެ. އަދި ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކޮށް، ކޯޓުތަކުގެ ހައިބަތާއި ޤަދަރު ހިމާޔަތްކޮށްދީ، އެތަންތަނަކީ ވަކިފަރާތަކަށް ނުޖެހި ހަރުދަނާ ގޮތެއްގައި މަސައްކަތްކުރާ ތަންތަންކަމަށް ހެދުމަށް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން އެހީތެރިވާންވާނެކަމަށް ގާނޫނުއަސާސީގެ 141 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.

2008 ވަނަ އަހަރު އަމަލު ކުރަން ފެށި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ އެންމެ މުހިންމު އެއް ސިފައަކީ ތިންބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން، ވަކި ފަރާތަކަށް ނުޖެހި، މިނިވަންކަމާ އިންސާފުވެރިކަމާއެކު މަސައްކަތްކުރުމަށްޓަކާ ވަކި ބާރެއްގެ ގޮތުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު އުފެދިގެން ދިއުން ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އާ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން 15 އަހަރު ވެގެންދާއިރު، ދިވެހިރާއްޖޭގައި އަދިވެސް ރައްޔިތުން އެދޭފަދަ މިނިވަން، އިންސާފުވެރި ޝަރުއީ ނިޒާމެއް ގާއިމްވެފައިނުވާކަމުގެ ޝަކުވާއަކީ ގިނަ ރައްޔިތުން މިއަދުވެސް ކުރަމުންދާ ޝަކުވާއެއް ކަމަށާއި އެ ޕާޓީން ގަބޫލުކުރާ ގޮތުގައި މިފަދައިން ޝަކުވާ ކުރަނީ ޝަރުއީ ދާއިރާގެ ކަންކަން ނިންމުމުގައި ސިޔާސީ ނުފޫޒު ފޯރަމުންދާކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާތީ ކަމަށް ވެސް އެމްއެންޕީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން، ޝަރުއީ ދާއިރާ މިނިވަންކުރުމަކީ މި ސަރުކާރުން ވެސް ވެރިކަމަށް އައުމުގެ ކުރިން ވެފައިވާ އެންމެ މުހިންމު އެއް ވައުދުކަމަށްވެފައި، ސަރުކާރުން ވައުދުވެފައިވާ ފަދައިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)، ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށްޓަކައި، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށް ވެފައިވާ ވައުދު ފުއްދުމަށް މި ސަރުކާރުން އަދި މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިނުވުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

“އެހެންކަމުން، މި ސަރުކާރުން ވައުދުވެފައިވާ ފަދައިން ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ މަސައްކަތް އަވަސްކުރުމަށް މިޕާޓީން ސަރުކާރަށް ގޮވާލަމެވެ. ހަމަ އެފަދައިން، ބައެއް ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުން ކުރާ މަސައްކަތްތަކަށް ނުފޫޒު ފޯރުވައި، އެފަރާތްތަކަށް ދެމުންދާ އިންޒާރުތަކަކީ ގާނޫނުއަސާސީގެ 141 ވަނަ މާއްދާއިން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ލިބިދީފައިވާ ރައްކާތެރިކަމާ ޚިލާފަށް ކުރަމުންދާ ކަންތައްތަކެއް ކަމަށްވާތީ، މިޕާޓީން އެކަން ކުށްވެރިކޮށް، އެފަދަ އަމަލުތައް ހުއްޓާލުމަށް އެފަރާތްތަކަށް ގޮވާލަމެވެ.” އެމްއެންޕީގެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ގާނޫނުއަސާސީގެ 236 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ސަލާމަތީ ޚިދުމަތްތަކަކީ ގާނޫނު އަސާސީންނާއި ގާނޫނުތަކުން ވަރަށް މުހިންމު ގާނޫނީ ޒިންމާތަކެއް ހަވާލުކުރެވިފައިވާ ފަރާތްތަކެއް ކަމަށްވާއިރު، އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށްޓަކައި މިނިވަންކަމާއި އިންސާފުވެރިކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު އެފަރާތްތަކަށް ދޭންޖެހޭ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް، އެފަރާތްތަކުން ކުރާ ތަހްގީގުތަކާއި ނިންމާ ނިންމުންތަކުގައި ބައެއް ފަހަރަށް ސިޔާސީ ނުފޫޒު އެކުލެވޭކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށާއި އެހެންކަމުން، ސަލާމަތީ ޚިދުމަތްތަކުން މަސައްކަތްކުރުމުގައި ނުފޫޒުތަކަށް ނުލެބި، އިންސާފުވެރިކަމާއެކު މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން އެފަރާތްތަކަށް ފޯރުކޮށްދިނުމަކީ މުހިންމުކަމެއްކަމަށް އެ ޕާޓީން ދެކޭ ކަަމަށް ބުނެފައިވެއެވެ.

ހަމައެއާއެކު، ސަލާމަތީ ޚިދުމަތްތަކުގައި މަސައްކަތްކުރާ އޮފިސަރުން މަގާމުގެ ހައިސިއްޔަތުން ކުރާ ކަންކަމާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ އިސްވެރިން އެފަރާތްތަކަށް ބިރު ދައްކައި، އިންޒާރު ދިނުމުގެ އަމަލުތަކަކީ ތަހްޒީބް މުޖްތަމައުއެއްގައި އަމަލުކުރަންޖެހޭނެ ގޮތެއް ކަމަށް އެ ޕާޓީން ނުދެކޭ ކަަމަށް ވެސް އެމްއެންޕީގެ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ.

“އެއްވެސް ފަރާތަކުން ގާނޫނުއަސާސީއާއި ގާނޫނުތަކާ ޚިލާފަށް އަމަލުކުރާނަމަ، އެކަމެއް ބެލުމުގެ ގާނޫނީ ޒިންމާ ހަވާލުކޮށްފައިވާ ދައުލަތުގެ މުއައްސަސާތަކަށް އެމައްސަލައެއް ހުށަހެޅުމުގެ ބަދަލުގައި، ސިޔާސީ ޕޯޑިއަމްތަކުގައި އެފަރާތްތަކަށް އިންޒާރު ދިނުމަކީ ޒިންމާދާރު ސިޔާސީ ޕާޓީތަކުން އަމަލުކުރަންވާނެ ގޮތެއްކަމަށް މިޕާޓީން ނުދެކެމެވެ.” އެމްއެންޕީ ގެ ނޫސް ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

އެ ޕާޓީން މިފަދަ ނޫސް ބަޔާނެއް ނެރެފައިމިވަނީ ވިލިމާލޭ ބައި އިލެކްޝަން ގައި ޕީޕީއެމް އިން ވާދަކުރައްވާ ކެނޑިޑޭޓަށް ތާއިޑު ހޯއްދެވުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅަކާއި ގުޅިގެންނެވެ.

ativador window 11