English Edition
Dhivehi Edition

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ދެ ވަނަ ލެގުގައި ރޭ ރެއާލް މެޑްރިޑުން މެންޗެސްޓާ ސިޓީ ބަލިކޮށް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 1-3 ގެ ނަތީޖާއިންނެވެ. ނިމިގެން ދިޔަ ޖަފްތާގައި ކުޅުނު ފުރަތަމަ ލެގުގައި ސިޓީން ރެއާލްގެ މައްޗަށް ކުރި ހޯދާ ފައިވަނީ 3-4 ގެ ނަތީޖާއިންނެވެ.

މި ނަތީޖާތަކާއި އެކު އެގްރިގޭޓަށް ބަލާއިރު ސިޓީގެ މައްޗަށް ރެއާލުން ކުރިހޯދީ 6-5 ގެ ނަތީޖާ އިންނެވެ.

ރޭ ސިޓީ ބަލިކޮށް މުބާރާތުގެ ފައިނަލުން ރެއާލް ފުރުސަތު ހޯދިއިރު، މިއީ ރެއާލުން ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދި 17 ވަނަ ފަހަރެވެ.

މި މަހު 28 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައި ކުޅޭ ފައިނަލުގައި ރެއާލް ނުކުންނާނީ ވެސް އިނގިރޭސި ކުލަބަކާއި ދެކޮޅަށެވެ. އެއީ ވިޔަރެއާލް ބަލިކޮށް ފަައިނަލުން ޖާގަ ހޯދި ލިވަޕޫލާއި ދެކޮޅަށެވެ.

ރޭގެ މެޗުގައި ފެނިގެން ދިޔަ ހުރިހާ ލަނޑެއްވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފަހު ހާފުގައެވެ. ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކިރެވިފައެއް ނުވެއެވެ.

މެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ސިޓީންނެވެ. ސިޓީން ގޯލު ޖަހާ ލީޑު މެގީ މެޗުގެ 74 ވަނަ މިނިޓްގަ އެވެ. ބެނާޑޯ ސިލްވާގެ އެހީތެރިކަމާއި އެކު މި ގޯލު ސިޓީއަށް ޖަހައިދިނީ ރިޔާދު މާރޭޒް އަށެވެ.

ރެއާލުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 89 ވަނަ މިނިޓްގައެވެ. ބެންޒެމާގެ އެހީތެރުކަމާއި އެކު މި ގޯލު ރެއާލަށް ކާމިޔާބު ކޮށްދިނީ ރޮޑްރީގޯއެވެ. އަދި އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ދެ ވަނަ މިނިޓްގައި ރެއާލުން ވަނީ ދެ ވަނަ ގޯލު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ގޯލުވެސް ރެއާލަށް ކާމިޔާބު ކޮށްދިނީ ކާވަހާލްގެ އެހީތެރިކަމާއި އެކު ރޮޑްރީގޯއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެގްރިގޭޓުން އެއްވަރުވެފައި އޮތުމުން ވަނީ ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފް ކުޅެފަ އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓްގައި ރެއާލުން ވަނީ ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ތިން ވަނަ ގޯލު ޖަަހައި، އެގްރިގޭޓު ނަތީޖާއިން ކުރިހޯދައިފަ އެވެ.

ރެއާލް އަށް ރެފްރީ ދިން މި ޕެނަލްޓީ އަކީ ސިޓީގެ ރުބެން ޑިއާސް އޭރިއާތެރެއިން ބެންޒެމާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ރެއާލް މެޑްރިޑް އަދި ލިވަޕޫލް ބައްދަލުކުރާ ފަައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައެވެ.