English Edition
Dhivehi Edition

ކުރީގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީ ހޮސްޕިޓަލުގައި އެޑްމިޓްކުރުމަށް ފަހު މިހާރު ގެއަށް ދޫކޮށްލާފައިވާކަމަށް މިތުންގެ ދޮށީ ދަރިފުޅު މަހާކްޝީ ޗަކްރަބަތީ ބުނެފިއެވެ.

މިތުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވާ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މިޑިއާގައި ވައިރަލްވުމާއި ގުޅިގެން އޭނާ އަށް ތާއިދުކުރާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. މި ގޮތުން މިތުން ކުއްލިއަކަށް މާ ބޮޑަށް ބަލިވި ސަބަބާއި ބެހޭ ގޮތުން ގިނަ ބަޔަކު ސުވާލުކޮށްފައިވާއިރު އޭނާއަށް އަވަސް ޝިފާއަކަށް އެދި ގިނަ ބަޔަކު ވަނީ ޓުވިޓްކޮށްފައެވެ.

މިތުންއަށް ތާއިދުކުރާ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޖަވާބު ދެމުން އޭނާގެ ދަރިފުޅު މަހާކްޝީ ބުނީ މިތުން ހޮސްޕިޓަލުގައި އެޑްމިޓްކުރީ ހުންގަދަވެ ބަނޑަށް ތަދުވާތީ ކަމަށެވެ. އަދި މިތުންގެ ކިޑްނީގައި ހިލަ އުފެދިފައިވާކަމަށްވެސް މަހާކްޝީ ވަނީ ބުނެފައެވެ.

އިތުރަށް މަހާކްޝީ ބުނީ މިހާރު މިތުން ހޮސްޕިޓަލުން ގެއަށް ބަދަލުކޮށްފައިވާކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށެވެ.

1976 ވަނަ އަހަރު ބޮލީވުޑަށް ތައާރަފްވި މިތުން ވަނީ ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައެވެ.