English Edition
Dhivehi Edition

ބަރަކާތްތެރި ރަމަޟާން މަސް ނިމުނީއެވެ. ޝައްވާލު މަސް ފެށެނީއެވެ.

ހެޔޮކަންތަކުގެ މަތީގައި ދެމިހުރުމަކީ ކޮންމެ މުސްލިމެއްގެ ކިބައިން ނުހަނު ބޮޑަށް އެދެވިގެންވާ ކަމެކެވެ.

އޭނާގެ ނަފްސު ޠާހިރުކޮށް، އޭނާގެ އާޚިރަތް ބާއްޖަވެރިކޮށް، އޭނާ ހައްދަވާ ގެންގުޅުއްވާ އިލާހުގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ރޯދައަކީ ހިތްތަކުގައި ޖަހާ ދަބަރު ފިލުވާލާ ހިއްތައް ސާފުކޮށްލާ މާތް މުހިއްމު އަޅުކަމެކެވެ. ހިތްތަކުގެ އެންމެހާ ބަލިތަކުން ޝިފާ ލިއްބައިދޭ ފަރުވާކެވެ. އެހެންކަމުން ރަމަޟާން މަސް ލެއްވިގެންވަނީ ހިތްތަކަށް ލިބޭ ޠަހާރަތެއް ކަމުގައެވެ.

ރަމަޟާން މަސް ނިމުމަށްފަހު ޝައްވާލު މަހުން 6 ރޯދަ ހިފުމަކީ ހެޔޮޢަމަލުގެ ތިލަފަތް ބަރުކޮށްލަން ލިބިގެންދާ އަގުހުރި ރަނުގެ ފުރުޞަތެކެވެ. ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަހިފުމަށް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައެވެ. އޭގެ މާތްކަން ބަޔާން ކުރައްވާފައެވެ. މި ހަ ރޯދަ ހިފުމަށް ބާރުއަޅުއްވާފައިވެއެވެ.

އެއަޅުކަމާއި ބެހޭގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(من صام رمضان ثم أتبعه ستاً من شوال كان كصيام الدهر) رواه مسلم.

މާނައީ: “ރަމަޟާން މަހު ރޯދަހިފުމަށްފަހު، އެޔަށްފަހު ޝައްވާލު މަހުން ހަރޯދަ ހިފައިފިނަމަ އެމީހަކު މުޅި އަހަރު ރޯދަހިފި ފަދައެވެ.”

މިޙަދީޘްގެ ޝަރަހާގައި އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އަހަރެއްގެ ރޯދަފަދައިން ވަނީ ސަބަބަކީ ހެޔޮކަން ވަނީ ދިހަގުނައިންނެވެ. ރަމަޟާން އަކީ ދިހަ މަހުގެ ސަވާބެވެ. އަދި ހަދުވަހަށް ދެމަހުގެ ސަވާބެވެ.”

އަދި އިމާމު އިބުނު ރަޖަބު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ބުނެވެއެވެ. ޝައްވާލު މަހުގެ ރޯދައިގެ ސަވާބު މާތްކަމުގެ ގޮތުން ރޯދަމަހާއި އެއްވަރުވެގެންވެއެވެ. އޭރަށް އަހަރެއްގައި ފަރުޟު ރޯދަހިފިފަދައިން އެމީހަކަށް (ސަވާބު) ވެއެވެ.”

އެހެންކަމުން ޝައްވާލު މަހުގެ ހަރޯދައިގެ މާތްކަން އެނގިގެން ހިނގައްޖެއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މި މަތިވެރި ބޮޑު ދަރުމައިން އަމިއްލަ ނަފްސާއި ގާތްތިމާގެ މީހުންނާއި އެކުވެރިން މަޙްރޫމު ނުކުރައްވާށެވެ. އަމިއްލައަށް މި 6 ރޯދަ ހިއްޕަވާށެވެ. އަދި އެހެން މީހުންނަށް ވެސް މީގެ މާތްކަމާއި މަތިވެރިކަން ބަޔާންކޮށްދެއްވާށެވެ.