English Edition
Dhivehi Edition

ކޮންމެ މުސްލިމަކަށް ވެސް އެނގި ސާފުވެފައިވާ ފަދައިން، އިސްލާމް ދީނުގައި ކަނޑައެޅި ޝަރުއުކުރެވިފައިވާ ދެ ޢީދެއް އޮވެއެވެ. އެއީ ރަމަޟާން މަހުގެ މާތް އަޅުކަމާއި ގުޅިގެން އަންނަ ފިޠުރު ޢީދާއި ހައްޖުގެ މާތް އަޅުކަމާއި ގުޅިގެން އަންނަ އަޟްޙާ ޢީދެވެ.

އާދެ އަޅުގަނޑުމެން ދިވެހިން ޒަމާނުއްސުރެ ކިޔަމުން އަންނަ ގޮތުން ނަމަ ކުޑަ އީދާއި ބޮޑު އީދެވެ. މި ދެއީދު ވެސް ގުޅިފައިވަނީ އިސްލާމް ދީނުގެ ޚާއްސަ އަޅުކަމަކާއިއެވެ. ފިޠުރު ޢީދު ނުވަތަ ކުޑަ އީދު ގުޅެނީ ރޯދަ ހިފުމުގެ އަޅުކަމާއިއެވެ. އަޟްޙާ ޢީދު ނުވަތަ ބޮޑު އީދު ގުޅެނީ ޙައްޖުގެ އަޅުކަމާއި އެވެ.

މި ދެޢީދުގެ އެންމެ މުހިންމު ކަމަކީ އެންމެން އެއްވެގެން ކުރާ ޢީދުނަމާދެވެ. އޭގެ އިތުރަށް ޞަދަޤާތްކުރުމާއި ސަލާންގަލާން ކުރުމާއި ތިމާގެ މީހުންނާއި އަވަށްޓެރިންނަށް ޒިޔާތަކުރުމާއި އުފާފާޅުކުރުމަށް ކުޅިވަރު ކުޅުމެވެ.

ޢީދުތައް ފާހަގަ ކުރުމުގައި އެދުވަސްތަކުގެ މުނާސަބަތުވައި ކުރިން ކުރަމުން އައި ބައެއް ކަންކަން މިހާރު ވަނީ ދޫކޮށްލާފައެވެ. އޭގެތެރޭގައި ދީނީ ކަންކަމުގެ ގޮތުގައި ދެކިގެން ކުރި ކަންކަމާއި ޘަޤާފީ ކަންކަމުގައި ގޮތުގައި ވާރުތަވަމުން އައި ކަންކަން ހިމެނެއެވެ.

ދިވެހިން ޢީދު ފާހަގަ ކުރުމުގައި ފަހަކަށް އައިސް ހެޔޮ ބަދަލުތައް އަންނަމުންދާއިރު، މިހާރަކަށް އައިސް އެންމެ ބޮޑަށް ފާހަގަކުރެވެނީ ދެ ޖިންސުގެ މީހުން މަސްހުނިވެގެން ކުރިން ކުޅެމުން އައި ކުޅިވަރުތައް މިހާރު އިސްލާމީ އަބަދުތަކާ އެއްގޮތަށް ބަދަލުވަމުން އަންނަކަމެކެވެ.

ދިވެހިން ޢީދުގައި ކުޅޭ ބައެއް ކުޅިވަރުތަކުގެ ތެރޭގައި ފެންކުޅިއާއި، ޢީދުމާލި، ބޮޑު މަސް ބޭނުން، ބޮޑުމާލި، ދަފިނެގުން، ފަދަ ކުޅިވަރުތަކަކީ އިހުގައި ރާއްޖޭގައި ވަރަށް ފޯރިއާއެކު ޢީދާ ގުޅުވައިގެން ކުޅެމުން އަންނަ ކުޅިވަރުތަކެކެވެ. ކުރިޔެކޭ އެއްގޮތަށަ މިހާރުވެސް މި ކުޅިވަރުތަކުގެ ތެރެއިން ބައެއް ކުޅިވަރުތައް ފޯރިޔާއި އެކު ކުޅެމުން ގެންދެއެވެ. ނަމަވެސް މި ކުޅިވަރުތައް މިހާރު ކުޅެމުން އަންނަނީ ޒަމާނާއި އެއްގޮތައް ބޮޑެތި ބަދަކުތަކަކާއި އެކުގައެވެ.

ޢީދުގައި ކުޅޭ ބައެއް ކުޅިވަރުތަކަކީ ހަމައެކަނި އަންހެނުންނަށް ޚާއްޞަ ކުރެވިގެން ކުޅޭ ކުޅިވަރުތަކެކެވެ. އަނެއްބައި ކުޅިވަރުތަކަކީ ހަމައެކަނި ފިރިހެނުންނަށް ޚާއްޞަ ކުރެވިގެން ކުޅޭ ކުޅިވަރުތަކެވެ.

ޒަމާނުއްސުރެން ފެށިގެން ދެޖިންސުގެ މީހުން އެކުގައި ބައިވެރިވެ ގައިގޯޅިކަމަށް ޖާގަ ތަނަވަސްވާކަމަށް ބެލެވޭ ކުޅިވަރުތައް މިހާރު ނުކުޅެއެވެ. ދިވެހިންގެ ކިބައިގައި ދީނީ މަޢުލޫމާތާއި ހޭލުންތެރިކަން އިތުރުވުމުން މިފަދަ އިސްލާމް ދީން ތަރުޙީބު ނުދޭ އަދި ދީނާ ބީރައްޓެހި ކަންކަން ވަރަށް ބޮޑުތަނުން އަންނަނީ މަދުވަމުންނެވެ.

ޢީދަކީ އަޅުގަނޑުމެން މުސްލިމުންނަށް ފާހަގަކުރުމަށް ކަނޑައަޅުއްވާފައިވާ ދުވަސްތަކަށް ވާއިރު މި ދުވަސްތައް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ގިއުގަނޑުގެ ތެރޭގައި ފާހަގަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހެއެވެ.

އަޅުގަނޑުމެމްގެ މި މުޖުތަމަޢަކީ އިލްމު އުނގެނުމާއި ދުނިޔޭގެ ތަހުޒީބު، ނާތަހުޒީބު ކަންކަން ދުށުމުގެ ތަނަވަސްކަން ހުރި، އެކަންކަމުގެ ހެޔޮނުބައި ވަކިކުރުމުގެ ހޭލުންތެރިކަން ލިބިގެންވާ ބަޔަކަށްވުމަކީ ކަންކަން އިޞްލާޙުވަމުން އަންނަ މުހިންމު ސަބަބެކެވެ.

އަޅުގަނޑުމެމްގެ މި މުޖުތަމަޢު އިސްލާޙު ކުރުމަށް މި ޤައުމުގައި ތިބި ދީނީ ދަންނަ ބޭކަލުން ކުރައްވާ މިންނަތް މަސައްކަތްތައް މި ފުރުޞަތުގައި ފާހަގަކޮށްލަން ޖެހެއެވެ.

އަޅުގަނޑުމެންގެ މި މުޖުތަމަޢު އިސްލާޙު ކުރުމަށް އެބޭކަލުން ކުރައްވާ މަސައްކަތުގެ ނަތީޖާ އަކީ މި މުޖުތަމަޢުގައި ދީނާއި ޚިލާފު ކަންކަން ކުރުން ބޮޑުތަނުން މަދުވުމުގެ އަސްލެވެ.