English Edition
Dhivehi Edition

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި އަލްވަދާޢު ކިޔައިފިއެވެ.

އެހެން ނަމަވެސް ރަމަޟާންމަހުގެ ފަހުންވެސް ހެޔޮ ޢަމަލުކުރުމުގައި ދެމި ތިބުމަށް ގަދައަޅާ މަސައްކަތް ކުރަން ޖެހެއެވެ.

ހެޔޮގޮތުގައި މިމައްސަރު ހޭދަކުރި މީހަކަށް ހުރި ބާއްޖަވެރިކަމެއްގެ ބޮޑުކަމާއެވެ. އަދި ހެޔޮ ގޮތުގައި މިމައްސަރު ހޭދަނުކުރެވުނު މީހަކަށް ހުރި ހިތާމައިގެ ބޮޑުކަމާއެވެ.

މި ރަމަޟާން މަހުގެ ދުވަސްތައް އަޅުގަނޑުމެންނާއި ވަކިވިއިރު، މި މައްސަރަުގައި ގިނަގުނަ ހެޔޮ ޢަމަލް ތަކެއް ކުރުމަށް އަޅުގަނޑުމެން ނުހަނު ގިނަ މަސައްކަތްތަކެއް ކުރީމެވެ. ހަމަ އެގޮތައް ރަމަމާންމަސް ނިމުނަސް ހެޔޮ ޢަމަލް ކުރުންމަތީ ދެމިތިބުމައް ވެސް ގަދަ އަޅާ މަަސައްކަތް ކުރަން ޖެހޭނެއެވެ.

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ރަމަޟާންމަހު އަޅުކަމުގައި ވަރަށް ހީވާގިވެފައިވާ ބައެކެވެ. އެގޮތުން ރަމަޟާންމަހު ނިކަމެތިންނަށް ހޭދަކުރުމާއި ފަރުޟު ނަމާދު ކުރުން ގިނަކުރުމާއި ތަރާވީޙު ނަމާދާއި ދަމުނަމާދުވެސް ކުރާކަން ފާހަގަކުރެވެއެވެ.

ނަމަވެސް ބައެއް މީހުން ރޯދަމަސް ނިމުމާއި އެކު އަޅުކަމާއި ދުރައް ދާތަން ފެންނަމުންދެއެވެ. މިހެން ވުމުން އެބައި މީހުންނަކީ ހަމަ އެކަނި ރަމަޟާން މަހަށް އަޅުކަންކުރި ބައެކޭ ހީވާކަހަލައެވެ. ހަމަ އެމަސް ނިމި ދިޔުމާއެކު ނަމާދާއި ﷲ ގެ މަގުގައި ހޭދަކުރުމާއި ޛިކުރުކުރުންފަދަ އަޅުކަންތައް ހުއްޓާލާކަން ފާހަގަ ކުރެވެއެވެ.

މުސްލިމުން އަޚުންނޭވެ! އަޅުކަން ކުރަންޖެހެނީ ރަމަޟާން މަހުގެވެރި ﷲ ތަޢާލާ އަށެވެ. އަހަރެމެން ހައްދަވައި، ރިޒްޤު ދެއްވައި، ފުރިހަމަ ޞިއްޙަތާއި ޢާފިޔަތުގައި ގެންގުޅުއްވަނީ އެކަލާނގެއެވެ. ﷲ ތަޢާލާގެ ވަޖްހުފުޅު އަދައިގެން އިޚްލާޞްތެރިކަމާއެކު ކުރި ހެޔޮކަމެއް މެނުވީ އެކަނލާގެ ޤަބޫލެއް ނުކުރައްވާނެތެވެ.

ﷲ ތަޢާލާގެ ވަޖްހުފުޅު އަދައިގެން ހެޔޮގޮތުގައި ރޯދަހިފައި، ރޭ އަޅުކަންކޮށް، ހެޔޮޢަމަލުތައްކޮށްއުޅޭ މީހާ ވެސް އެކަންތައްތަކާ މެދު ބޮޑާވެ ނުގަނެ އޭނާގެ ޢަމަލުތައް ﷲ ޤަބޫލުކުރައްވާތޯ ދުޢާ ކުރަން ޖެހެއެވެ.

ރަމަޟާންމަހަކީ ހެޔޮކަމުގެ މޫސުމަކަށް ވާތީ، އެމަހުގައި ޞާލިޙް ޢަމަލުކުރުމަށް ޝަޢުޤުވެރިވީ ފަދައިން ރަމަޟާންމަސް ނިމުމުންވެސް ހެޔޮ ޢަމަލު ކުރުމުގައި ދެމި ތިބެން ޖެހެއެވެ.

އަޅުގަނޑުމެންނަށް ދުނިޔޭގައި ލިބިފައިވާ ކުޑަދުވަސްކޮޅުގައި ހެޔޮ ޢަމަލުތައްކުރުމަށް އަވަސްވެ ގަންނަނަ ޖެހެއެވެ.

ބުއްދިވެރިއަކީ އެމީހާގެ ނަފްސް ކިޔަމަންކޮށް، މަރުވުމަށްފަހު އޮތް ޙަޔާތަށް ތައްޔާރުވާ މީހާއެވެ.

ރަމަޟާން މަހަށްފަހުގައިވެސް ކިޔަމަންތެރިކަމުގައި ދެމިތިބުމުގެ ތަޢުފީޤ ލިބުމަކީ ﷲ ތަޢާލާ އަޅުގަނޑުމެންގެ ހެޔޮޢަމަލުތައް ޤަބޫލުކުރެއްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ވާކަމެކެވެ.

ރަމަޟާން މަސް ނިމުނަސް އަޅުކަމުގައި ހީވާގިވާށެވެ. ހެޔޮ ޢަމަލުތައް ކުރުން ގިނަ ކުރާށެވެ.