English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑާއި، ޕްރިމިއާ ލީގުގެ ގަދަ ބާރު މެންޗެސްޓާ ސިޓީ ކުރިމަތިލާ ފުރަތަމަ ލެގުގެ ސެމީފައިނަލް މެޗު މިރޭ ކުޅޭނެއެވެ.

މިރޭ ކުޅޭ ސެމީގެ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗު ކުޅޭނީ ސިޓީގެ އެތިހާދު ސްޓޭޑިއަމްގައެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް މެޗަށް މި ދެޓީމު މިރޭ ނިކުންނައިރު، މިއީ މި މުބާރާތުގެ ތާރީޚުގައި މިހާތަނަށް މި ދެޓީމު ސެމީ ފައިނަލުގައި ބައްދަލުކުރާ ދެވަނަ ފަހަރެވެ.

މީގެ ކުރިން މި ދެ ޓީމު ސެމީގައި ކުޅެފައިވަނީ 2016/17 ވަނަ އަހަރުގެ މުބާރާތުގައެވެ. އެ އެފަހަރު ރެއާލް ދަނޑުގައި ކުޅުނު ސެމީގެ ފުރަތަމަ ލެގު 0-1 އިން ރެއާލް ކާމިޔާބު ކުރިއިރު، ސިޓީ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު ވަނި 0-0 އިން އެއްވަރުވެފައެވެ. އެހެން ކަމުން 0-1 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެން އެފަހަރުގެ މުބާރާތުގެ ފަައިނަލަށް ދަތުރުކުރީ ރެއާލް މެޑްރިޑެވެ.

މީގެ އިތުރުން 2012/13 ވަނަ އަހަރުގެ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ވެސް ރެއާލް އާއި ސިޓީ ވަނި ވާދަކޮށްފައެވެ. އެފަހަރުގެ މުބާރާތުގައި ސިޓީ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 1-1 އިން ދެ ޓީމު އެއްވަރުވިއިރު، ރެއާލްގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގެ މެޗު 2-3 އިން ކާމިޔާބު ކުރީ ރެއާލުންނެވެ.

މީގެ އިތުރުން މި ދެޓީމު ވަނީ 2020/2019. ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ވެސް ބައްދަލުކޮށްފައެވެ. އެ ފަހަރުގެ ދެ ލެގު ވެސް މޮޮޅުވެ ސެމީ އިން ޖާގަ ހޯދާފައިވަނި ސިޓީންނެވެ.

މި ފަހަރުގެ މުބާރާތުގެ ސެމީއަށް މި ދެޓީމު ދަތުރު ކުރި ގޮތަށް ބަލާއިރު، ރެއާލުން މުބާރާތުގެ ސެމީއަށް ދަތުރުކުރީ ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ 5-4 ގެ އެގްރިގޭޓް ނަތީޖާއިން ބަލިކޮށްގެންނެވެ. އަދި ސިޓީ ސެމީއަށް ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލްގައި އެތުލެޓިކޯގެ މައްޗަށް 1-0 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ފުރަތަމަ ލެގުގައި ސިޓީގެ ދަނޑުގައި ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރީ ސިޓީއެވެ. އަދި ދެ ވަނަ ލެގުގައި އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އެހެން ކަމުން ފުރަތަަމަ މެޗުން ހޯދި މޮޅާއި އެކު އެއް ލަނޑުގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބި ސިޓީ ވަނީ ސެމީއަށް ދަތުރު ކޮށްފައެވެ.

ރެއާލަކީ މުޅި ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ވެސް އެންމެ ކާމިޔާބު ޓީމެވެ. ރެއާލުން ވަނީ ޗެމްޕިއަންސް ލީގު 13 ފަހަަރު ކާމިޔާބުކޮށްފައެވެ. ނަމަވެސް، ސިޓީއަށް މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. ސިޓީގެ ތާރީޚުގައި އެޓީމު މި މުބާރާތުގެ ފައިނަލް ކުޅެފައިވަނި އެންމެ ފަހަރަކުއެވެ. އެއީ މިދިޔަ ސީޒަންގެ މުބާރާތުގެ ފައިނަލްގައެވެ. އެފަހަރު ފައިނަލުން ސިޓީ ބަލިވީ ޗެލްސީ އާއި ވާދަކޮށެވެ.

ރެއާލް މެޑްރިޑް އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރާ ސެމީގެ ފުރަތަމަ މެޗު ފަށާނީ މިރޭ ރާއްޖޭ ގަނޑިން ދަންވަރު 12:00 ގައެވެ.