English Edition
Dhivehi Edition

ފުވައްމުލައް ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

މެޖިސްޓްރޭޓް ހަދީޖާ ލީނާގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ މައްސަލަ ބަލަން ފެށިތާ ތިން އަހަރެއްހާ ދުވަސް ފަހުން، އެ މައްސަލަ ސާބިތު ނުވާކަމަށް ޖޭއެސްސީން ނިންމާފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުއެވެ.

ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު ދަށުން ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާކާއި ގުޅިގެން 2019 އޮކްޓޯބަރު މަހުގެ 09 ވަނަ ދުވަހު ސުލޫކީ މައްސަލަ ތަޙްޤީޤް ކުރުމަށް ނޯޓިސްދީފައިވާ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޚަދީޖާ ލީނާގެ ސުލޫކީ މައްސަލަ، ތަޙްޤީޤު ކުރެވި އެމައްސަލަ ސާބިތުނުވާކަމަށް އޭޕްރީލް 17 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 27 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ޚަދީޖާ ލީނާއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން ދިޔައީ ކޯޓުގެ އިދާރީ ކަންކަން ހިންގުމުގައި އަދާކުރަންޖެހޭ ޒިންމާތައް އަދާނުކުރާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.