English Edition
Dhivehi Edition

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަންގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު އާމިނަތު ޝީޒާގެ ކެމްޕެއިން މެކުހަށް ޖަހާ ޑޯރޓުޑޯ ފަށައިފިއެވެ.

ޝީޒާގެ ކެމްޕޭންޓީމުން ވިލިމާލޭގައި ޑޯރ ޓު ޑޯރ ފަށާފައިވާއިރު، އެ ޓީމުގައި އެމްއެންޕީގެ ރައީސް، ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމާއި ނާއިބު ރައީސް، ތިމަރަފުށީ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒުއާއި، ވިލިމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު އުޝާމް އަދި އެމްއެންޕީގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ޝީޒާގެ ވިލިމާލެ ކެމްޕޭން ޖަގަހަ ހުޅުވާފައިވަނީ ފާއިތުވެދިޔަ ހުކުރުދުވަހުގެ ރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްއެންޕީގެ ރައީސް ކާނަލް (ރޓޑ) މުޙައްމަދު ނާޒިމެވެ. މި ކެމްޕޭން ޖަގަހަ ހުންނާނީ ޝެއިޚް ޢަބްދުއްރަޙްމާން މަގުގައި މަސްޖިދުލް ބިއްރިއާ އިންވެގެންނެވެ.

ޝީޒާއަކީ އިޖުތިމާއީ ކަންކަމުގައި ތަފާތު ގިނަ އެންޖީއޯތަކުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ފަރާތެއްގެ އިތުރުން ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ ފަރާތެކެވެ. އަދި ކޭކް އެޅުމުގެ ތަޖުރިބާ ވެސް ލިބިފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ދުޅަހެޔޮކަމާއި އަމާން އެކުވެރި ވެއްޓެއް ޤާއިމުކުރުމަށް ކުރައްވާ މަސައްކަތްތަކާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ އެންޖީއޯއެއް ކަމަށްވާ “ވިލަވްސް” ޖަމުޢިއްޔާގައި ޝީޒާ ކުރައްވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ޝީޒާވަނީ މެލޭޝިޔާއިން މަތީ ތަޢުލީމް ހާސިލްކުރައްވާ، ސަރުކާރުގެ އެކި މިނިސްޓްރީތަކުގައި 16 އަހަރު މަސައްކަތްކުރައްވާފައިވާ ޚިދުމަތްތެރިއެއް ކަންވެސް ފާހަގަކޮށްލެވެއެވެ.