English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި ޢިމާރާތްކުރާ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފަށްޓަވައިދެއްވައިފިއެވެ.

މި މަސައްކަތް ފަށްޓަވައިދެއްވާފައިވަނީ މިކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަށް ކުރިއެރުން ލިބެންއޮތީ ރަނގަޅު ޖީލެއް ބިނާކުރެވިގެން ކަމަށާއި އެކަމަށްޓަކައި އަޅުގަނޑުމެންގެ ތެރޭގައި އެކިއެކި އިލްމު އުނގެނިވަޑައިގެން ތިއްބެވި ފަރާތްތަކުން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މި މަސްޢޫލިއްޔަތަކީ މުޖްތަމަޢުގެ ވަކި ބައެއްގެ ޒިންމާއެއްގެ ގޮތުގައި ނުދެކި، މުޅި މުޖްތަމަޢުގެ އެންމެން ގުޅިގެން ކުރަންޖެހިފައިވާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ. މިރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި މި މަރުކަޒުގެ ތެރެއިން މުސްތަގިއްލުކަމާއެކު މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާ، މިއީ މި ސަރަޙައްދުގެ މައި މަރުކަޒަކަށް ހައްދަވާދެއްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިދިޔަ އޮކްޓޯބަރ މަހު ފުވައްމުލައް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެ ސިޓީގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ވަރަށް ފުރިހަމަ ގޮތެއްގައި ފެށިގެންދާނެ ކަމުގައި ވިދާޅުވެފައެވެ. އެ ސެންޓަރަކީ މުޅި އެ ސަރަޙައްދަށްވެސް ފައިދާ ކުރުވަނިވި ތަނަކަށް ހައްދަވާނެކަމުގެ ޔަޤީންކަން އެ ދަތުރުފުޅުގައި އެ މަނިކުފާނު ދެއްވިއެވެ. އަދި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ފުވައްމުލައް ސިޓީގެ ގޮފީގެ އެކިއެކި ޕްރޮގްރާމްތަކުގައި މިހާރުވެސް އެ ސަރަޙައްދުގެ އެހެން ބައެއް ރަށްރަށުން ދަރިވަރުން ބައިވެރިވެރިވެފައިވާކަން ފާހަގަކުރައްވާފައިވެއެވެ.

ފުވައްމުލައް ސިޓީގައި ޤާއިމްކުރާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައި ރިސެޕްޝަނާއި މީޓިން ރޫމްގެ އިތުރުން އޮޑިޓޯރިއަމަކާއި ލައިބްރަރީއެއް ހިމެނެއެވެ. މި އިމާރާތުގައި އޮފީސް ހިންގުމަށް ވަކިން ބަޔަކާއި ގުދަނާއި ފާޚާނާ ވެސް ހިމެނޭއިރު ފުރަތަމަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ނަމާދުކުރަން ކޮޓަރިއެއްވެސް ހިމެނޭނެއެވެ. ޖުމްލަ 12 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ މި މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައިޒަރ ޕްރައިވެޓް ލިމިޓެޑާއެވެ.