English Edition
Dhivehi Edition

ފިޠުރު ޒަކާތުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ލޯތްބާއި، ކުލުނާއި، އެކުވެރިކަން ޤާއިމުވެގެންދާކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފިއެެވެ.

“ރަމަޟާން މަހުގެ ރޯދައާއި ފިތުރު ޒަކާތު” ގެ މައްޗަށް ކުރިއަށް ގެންދިޔަ ޚުތުބާގައި ބުނީ ރަމަޟާން މަހުގައި އަހަރެމެން ހިފި ރޯދަ ފުރިހަމަކޮށް ދެއްވުމަށްޓަކައި އަހަރުމެންގެ މައްޗަށް ފިޠުރު ޒަކާތް ޝަރްޢު ކުރައްވާފައިވާ ކަމަށެވެ. އެއީ އަހަރެމެން ހިފި ރޯދައިގައިވާ އުނިކަންތައް ފިލުއްވައި ދެއްވުމަށްޓަކައި ކަމަށް ވެސް ބުނެފައިވެއެވެ.

މާތް ﷲ މީސްތަކުންގެ މައްޗަށް ފިޠުރު ޒަކާތް ފަރުޟު ކުރެއްވީ މަތިވެރި މާތް މަޤްސަދަކަށްޓަކައި ކަމަށާއި އޭގެތެރޭގައި ފަޤީރުން ޢީދު ދުވަހު ފުދުންތެރި ބަޔަކަށް ހެދުމާއި، އެމީހުންގެ އެދުވަހުގެ މުހުތާދުތައް ފުއްދައި ދިނުމާއި، ޢީދުގެ އުފަލުގައި އެބައިމީހުން ބައިވެރިކުރުން ހިމެނޭ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

“ފިޠުރު ޒަކާތުގެ ސަބަބުން މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ލޯތްބާއި، ކުލުނާއި، އެކުވެރިކަން ޤާއިމުވެގެންދެއެވެ. ޢީދުގެ އުފަލުގައި އެންމެންނަށް ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހުރިހާ އެންމެންނަށް ޢީދު އުފާވެރި މުނާސަބަތަކަށް ވާނެއެވެ. ކީރިތި ރަސޫލާ (ޞޢވ) ސިފަކުރައްވާފައިވާފަދަ އެއްބަނޑު އެއްބަފައި މުޖުތަމަޢަކަށް އިސްލާމީ މުޖުތަމަޢު ވާނީ އުފަލާއި ހިތާމައިގައި، މުޖުތަމަޢުގެ އެންމެން ބައިވެރިވެގެންނެވެ.” ޚުތުބާގައި ބުންޏެވެ.

މާތް ﷲ ޤަބޫލު ކުރައްވާނެ ޝަފާޢަތެއް އަޅަމެންނަށް ލިބިގެންވާކަން ހުކުރު ޚުތުބާގައި ހަނދުމަކޮށްދެއްވާފައިވާއިރު، އަޅަމެންނަށް އެއްވެސް ހައްދެއްނެތް ދެއްވުންތަކެއް ލިބިގެންވާކަން ވެސް ވަނީ ހަނދުމަކޮށްދީފައެވެ. އަދި އަޅަމެންގެ އަޑުތައް ވަނީ ޤުރްއާނުން ޒީނަތްތެރިކޮށްފައި ކަމަށާއި އެ ރޯދައާއި މާތް ﷲގެ ދަރުބާރަށް ގޮސް އަޅަމެންނަށް ޝަފާޢަތްތެރިވާނެ ކަމަށާއި މާތް ﷲ އެ ޝަފާޢަތް ޤަބޫލު ކުރައްވާނެކަން ވެސް ޚުތުބާގައި ބުނެފައިވެއެވެ.