English Edition
Dhivehi Edition

ލޮބުވެތި މުސްލިމް އަޚުންނޭވެ! ތިޔަ އަހުންގެ މައްޗަށް ފާޅުވެ މިހާރު މިވަނި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކާއި ރޭތައް ގުނަން ފަށާފައެވެ.

އެތަކެއް ގިނަގުނަ ހެޔޮކަންތައްތަކާއި އަދި އިތުރު ގުނަ ތަކަށް ގުނެވިގެންދާ އަޖުރުތަކެއް މި ދުވަސްތަކަށް ކަނޑައެޅިފައިވެ އެވެ.

ގިނަ ގުނަ ދަލީލުތަކެއް މި ދުވަސްތަކާއި ރޭތަކުގެ މަތިވެރިކަމަށް ވާރިދުވެގެންވެ އެވެ. އެފަދަ ޚާއްޞަވެގެންވާ ދަލީލުތަކުގެ ތެރޭގައި :

ޞަޙީޙު مسلم ގައި عَائِشَة -رضي الله عنها- ގެ އަރިހުން ވާރިދުވެގެންވެ އެވެ.

كانَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ يَجْتَهِدُ في العَشْرِ الأوَاخِرِ، ما لا يَجْتَهِدُ في غيرِهِ “ރަމަޟާން މަހުގެ ފަހު ދިހައިގައި އެނޫން އެއްވެސް ދުވަސްތަކެއްގައި ގަދައަޅާ މަސައްކަތްޕުޅު ނުކުރައްވާ މިންވަރަށް ނަބިއްޔާ صلى الله عليه وسلم މި ދުވަސްތަކުގައި ގަދައަޅާ މަސައްކަތްޕުޅު ކުރައްވަ އެވެ.”

އަދިވެސް الصحِيحين ގައި ވާރިދުވެގެންވެ އެވެ. كانَ النبيُّ صَلَّى اللهُ عليه وسلَّمَ إذَا دَخَلَ العَشْرُ شَدَّ مِئْزَرَهُ، وأَحْيَا لَيْلَهُ، وأَيْقَظَ أهْلَهُ ރަމަޟާން މަހުގެ ފަހުދިހަ ބައްދަލު ކުރުމާ އެކުގައި ނަބިއްޔާ ﷺ އިޒާރުކޮޅު އުނަގަނޑުގައި ގަދައަށް އައްސަވާ ލައްވަ އެވެ. އަދި ރޭގަނޑު އެކުގައި ހޭފުޅުލައްވައި ހުންނަވައި (ރޭގަނޑުގައި އެކުއެކީގައި) އަޅުކަމުގައި ޤާއިމްވަޑައިގެން އިންނަވަ އެވެ. އަދި އަހުލުން އެ ރޭތަކުގައި ހޭލައްވައި ބައިތިއްބަ އެވެ.”

ޙަދީޘްގައި ޛިކުރު ކުރެވިގެންވާ “އުނަގަނޑުގައި އިޒާރު އައްސަވައި” މުރާދަކީ އަނބިންނާ އެކުގައި އެއްދާން ކުރެއްވުން ދޫކުރެއްވުމެވެ.

އަޚުންނޭވެ. މިޙަދީޘްތަކުން ދަލީލު ކުރެވެނީ މި ދިހައިގެ މާތްކަމާއި މަތިވެރި ކަމެވެ. ސަބަބަކީ މި ދިހައިގައި އެހެން ދުވަސްތަކުގައި ގަދައަޅާ މަސައްކަތްޕުޅު ނުކުރައްވާ މިންވަރަށް މާތް ނަބިއްޔާ މަސައްކަތްޕުޅު ކުރެއްވުމެވެ.

ފަހެ، މި މަސައްކަތް ކުރެއްވުމުގެ ތެރެއަށް އެންމެހައި އަޅުކަންތަކެއް ޝާމިލްވެގެންދެ އެވެ. އެއީ ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ޞަދަޤާތް ކުރުމާއި އެނޫންވެސް އަޅުކަންތަކެވެ. ނަބިއްޔާ ﷺ އިޒާރުކޮޅު އުނަގަނޑުގައި އައްސަވާލެއްވުމުން، ޔަޢުނީ ނަމާދު ކުރުމާއި ޛިކުރު ކުރުމަށްޓަކައި އަނބިންނާ އެއްދާންކުރުން ދޫކުރައްވައި އެއްކިބާވެވަޑައިގެންނެވުމެވެ.”

ނަބިއްޔާ މި ރޭތަކުގައިވާ ލައިލަތުލް-ޤަދްރި އާމެދު މިފަދައިން ޙަދީޘް ކުރެއްވި އެވެ. صحيح البخاري ގައި ވާރިދުވެގެންވެ އެވެ. ނަބިއްޔާ ޙަދީޘް ކުރެއްވި އެވެ. مَن قَامَ لَيْلَةَ القَدْرِ إيمَانًا واحْتِسَابًا، غُفِرَ له ما تَقَدَّمَ مِن ذَنْبِهِ “لَيْلَةَ القَدْرِ ގެ (ޝަރަފާއު މަތިވެރިކަން ޤަބޫލުކޮށް) އެ ކަމުގެ އަޖުރާއި ޘަވާބަށްއެދި އަޅުކަމުގައި ޤާއިމްވެއްޖެ މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ﷲ އެމީހާއަށް ފުއްސަވައި ދެއްވާނެ އެވެ.” ފަހެ، ޝަރަފާއި މަތިވެރިކަމާއި މާތްކަމަށް މި ރޭތައް ނުހަނު ބޮޑުވެގެންވެ އެވެ.

މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ އަލްބަޔާންއެމްވީޑޮޓްކޮމް އިން