English Edition
Dhivehi Edition

ކޮންމެ މަޚްލޫޤެއްގެ ކިބައިގައިވެސް ޚާލިޤަކަށް ބޭނުން ޖެހުމުގެ އިޙްސާސްވަނީ ލައްވާފައި ކަމަށް އައްޝައިޚް ޙަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

އިޙްޔާ ފޯރަމް ގައި ތަޤްރީރު ކުރައްވަމުން ޝައިޚް ވިދާޅުވީ މުޅި ކާއިނާތައް ބެލުމުންވެސް ކާއިނާތުގައިވާ ހަމަކޮންމެ އެއްޗެއްވެސް އުފެއްދި ފަރާތެއްވާ ކަމަށާއި ދުނިޔެ އުފައްދަވާފައިވާ ފުރިހަމަކަމާއި ބަދަހިކަމުން ދޭހަކޮށްދެނީ މިތަން އުފެއްދެވި ފަރާތުގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން ކަމަށެވެ.

ޝައިޚް ފިކުރީގެ ވާހަކައިގައި ދީން ޤަބޫލުނުކުރާ މީހުން އެކަން އެހެން ކުރަނީ ކީއްވެކަމާއި ދުނިޔެއާއި ދުނިޔޭގައިވާ ތަކެތި އުފެދިގެން އައިގޮތާ ބެހޭ ގޮތުން އިންސާނުން އުފައްދާފައިވާ ތިއަރީތަކާއި ދިރާސާތަކަށް ބައްލަވާލެއްވިއެވެ. އަދި ކަލަކުވޮޑިގެންވާކަމުގެ ހެކިތައް އެއިން ކޮންމެ ކަމަކުން ދޭހަވާކަމަށްވެސް ވިދާޅުވިއެވެ.

އިންސާނުންގެ އަޤީދާއާއި ފުށުއަރާ އެތައް އެއްޗެއް، އިންސާނާ ދިރިއުޅެމުންދާ މާޙައުލުން ފެންނަކަމަށާއި ބާޠިލް އަޤީދާތަކާއި ދީންތައް ބުއްދިއާއި ފުށުއަރާކަމަށް ވިދާޅުވިއެވެ.

ކަލަކު ވޮޑިގެންވާކަމަށް ޤަބޫލުނުކުރާ މީހުންގެ މައިގަނޑު ދަލީލަކީ ކަލަކުވޮޑިގެންވާކަމަށް ސައިންޓިފިކް ހެކި ނެތުންކަމަށް އެމީހުން ބުނާކަމަށް ވިދާޅުވިއެވެ. އަދި ސައިންސަކީ އިންސާނާގެ ހިއްސުތަކަށްކުރެވޭ ތަޖުރިބާތަކުގެ މައްޗަށް ބިނާވެފައިވާ އިންސާނީ ހޯދުންތައް ކަމަށް ވިދާޅުވިއެވެ. މާތްﷲ ކީރިތި ޤުރުއާނުގައި، ކަންކަން ބަލާ ހޯދާ އިންސާނާ ޚަލްޤުކުރެއްވި ގޮތާއިމެދު ވިސްނާ ބެލުމަށް އަންގަވާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ސައިންޓިފިކް ނަޒަރިއްޔާތަކަކީ ބަދަލުވަމުންދާ އެއްޗެއްކަން ފާހަގަކުރައްވާ އީމާންވަނީ ސައިންސުން ސާބިތުވާތީ ނޫންކަމަށާއި އެގޮތުން އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅަކީ ސައިންސުން އޭގެ ހަޤީޤަތާހަމައަށް ވާސިލްވެވިފައިވާކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

އިންސާނުން ހަދާ ތިޔަރީތަކަކީވެސް ފުށުއެރުންތައް ހުންނަ ތިއަރީތައްކަން ފާހަގަކުރައްވާ ޝައިޚް ފިކުރީ ވިދާޅުވީ ބިގްބޭންގ ތިއަރީގައިވެސް ސައިންސްވެރިންނަށް ޖަވާބު ނުލިބޭ އެތައްކަމެއް އެކުލެވިގެންވާކަމަށެވެ.