English Edition
Dhivehi Edition
ފޮޓޯ: ޕީޕީއެމް

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދާ “އިންޑިއާ އައުޓް” ހަރަކާތަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައެޅުމުން، އެ ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ސޮއިކުރައްވާ ގަރާރެއް ނެރުއްވައިފިއެވެ.

ރައީސް ގެ ޤަރާރުގައި އެ ހަރަކާތް ހުއްޓުވުމަށް އެ އިދާރާތަކަށް އަންގާފައިވެއެެވެ. އަދި އިންޑިއާ އައުޓް މޫވްމަންޓް ހުއްޓުވަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވާ ގިނަ ކަންތައްތަކެއް ވެސް ހިމަނުއްވާފައިވެއެވެ.

އެގޮތުން އިންޑިއާއާމެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެއް ކަމުގައި ސާފުކޮށް އެނގެން އޮތް ހިނދު، މި ހަރަކާތަކީ ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އޮތް އަމަންއަމާންކަމާއި ދާހިލީ ހަމަޖެހުން ނަގާލައި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި ރާއްޖޭގެ އިގްތިސާދީ ރައްކާތެރިކަމާއި އިޖްތިމާއީ ނިޒާމުތަކަށް ބޮޑު ބުރައްެއް އުފުލަންޖެހޭ ކަމެއް ކަމުގައި ގަބޫލުކުރެވޭތީއާއި، އަދި ވަކިން ޚާއްޞަކޮށް ބައިނަލްއަގްވާމީ މައިދާނުގައި އެކަހެރިވެ، އިތުބާރު ގެއްލި، ޒަމާނުއްސުރެ ދިވެހި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތު ރޫޅި، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަަމެއްކަމުގައި ފާހަގަކުރެވޭކަމުގައި ވިދާޅުވެފައިވެއެވެ.

“ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންމެ ހަރަކާތަކީ ދިވެހި ސަރުކާރުން އެ ކަމެއް ހުއްޓުވަންޖެހޭ ކަމެއް ކަމުގައިވާތީ، ދިވެހި ދައުލަތުގެ ފުދުންތެރިކަމާއި ފާގަތިކަމަށާއި ރާއްޖޭގެ ގައުމީ ސަލާމަތަށް ކުރާ ނޭދެވޭ ކޮންމެ އަސަރަކީ، ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންދާ އަނިޔާއެއް ކަމުގައި ފާހަގަކޮށް، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ގައުމީ ސަލާމަތާ ގުޅުންހުރި އަދި ނުރައްކާ އޮތް ކަމެއްކަމަށާއި، ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ މިފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަންޖެހޭނެ ހަރަކާތްތަކެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލަމަތާބެހޭ މަޖިލީހުން ވަނީ ނިންމަވާފަ.” ޤަރާރުގައި ވެއެވެ.