English Edition
Dhivehi Edition

އުރީދޫ މޯލްޑިވްސް އިން ދުނިޔޭގެ މަޝްހޫރު ކެމެރާ ކުންފުންޏެއް ކަމަށްވާ ސްނެޕްޗެޓް އާ އެކު ޕާޓްނަރޝިޕް އިއުލާނުކޮށްފިއެވެ.

މިއީ ރާއްޖޭގެ ކަސްޓަމަރުންނަށް ތަފާތު ޑިޖިޓަލް ތަޖުރިބާތައް ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެގޮތުން، އޮގްމެންޓެޑް ރިއަލިޓީ (އޭއާރް) ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމުގެ މަގްސަދުގައި ވެވުނު ޕާޓްނަރޝިޕެކެވެ.

މި ޕަރޓްނަޝިޕްގެ ދަށުން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތަފާތު ސަގާފަތް ދުނިޔޭގެ ކަސްޓަމަރުންނަށް އިޝްތިހާރު ކުރުމަށް ސްނެޕްޗެޓް ލެންސް އަދި ރާއްޖެއަށް ޚާއްޞަ ޖިއޯފިލްޓަރއެއް ވަނީ ތަޢާރަފްކޮށްފައެވެ. އުރީދޫ މޯލްޑިވްސް އިން މި ފިލްޓަރ އަދި ލެންސް ލޯންޗްކޮށްފައިވަނީ ރާއްޖެ ޕްރޮމޯޓްކުރުމަށް އުރީދޫއިން ހިންގާ “ވިޒިޓް މޯލްޑިވްސް ނައު” ކެމްޕެއިންގެ އިތުރުން ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ވެސް ގުޅިގެންނެވެ.

ސްނެޕްޗެޓްއަކީ ޢާއިލާ އާއި ރައްޓެހިންނާ ޑިޖިޓަލްކޮށް ގުޅުން ބަދަހިކޮށްލުމަށް މަޖާ ޕްލެޓްފޯމެކެވެ. އޭއާރް ޓެކްނޮލޮޖީ ބޭނުންކޮށްގެން ހަދާފައިވާ މަޖާ އަދި ހިތްގައިމް ފިލްޓަރ އަދި ފްރޭމްތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މަގުބޫލު އެއްޗެކެވެ. އެހެންކަމުން ސްނެޕްޗެޓްގެ މަޖާ އާއި ބޭނުންތެރިކަން ތަޖުރިބާކޮށްލުމަށް، އުރީދޫ މޯލްޑިވްސް އިން ވަނީ ކޮންމެ ދުވަހަކަށް، ހަފްތާއަކަށް، އަދި މުޅި މަހަށް ޚާއްޞަ ސްނެޕްޗެޓް ޑޭޓާ ޕެކްތަކެއްވެސް ތަޢާރަފްކޮށްފައެވެ.

މީގެ އިތުރުން އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް 30 ދުވަހުގެ މުއްދަތަށް 2ޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭ 3 މަސް ދުވަހުގެ ޕްރޮމޯޝަނެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ. ހިލޭ ޑޭޓާ ހޯދުމަށް ކަސްޓަމަރުންނަށް *929*1# އަށް ގުޅައިގެން ނުވަތަ “އެސްއެންޕީއެފް” ޖައްސަވާފަ 5555 އަށް އެސްއެމްއެސް އެއް ފޮނުވާލުމުން އެކްޓިވޭޓްވެގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ ޚާލިދު ޙަސަން އަލް-ހަމާދީ ވިދާޅުވީ މި ޕާޓްނަރޝިޕްގެ މަޤްޞަދަކީ ކަސްޓަމަރުންނަށް އީޖާދީ ތަޖުރިބާތައް ހޯދައިދީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރައްޔިތުންނާއި ވިޔަފާރިތައް އޭއާރް ޓެކްނޮލޮޖީއަށް އަހުލުވެރި ކުރުވުން ކަމަށެވެ. އަދި މި ޓެކްނޮލޮޖީގެ ފުރިހަމަ މަންފާހޯދުމަށް ހިތްވަރުދިނުން ކަމަށެވެ.

“ސްނެޕްޗެޓްގެ ކުރިއަރާފައިވާ ޕްލެޓްފޯމް އަދި ޓޫލްސްތައް ބޭނުންކޮށްގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް އަޅުގަނޑުމެން މިއަދު މި އިފްތިތާހު ކުރި އައު އޭއާރް ލެންސާއި ޖިއޯފިލްޓަރ ފަދަ ގޮތްގޮތުން އަޅުގަނޑުމެންގެ ރީތި ޤައުމު ދުނިޔޭގެ މުޖުތަމަޢުތަކަށް އިޝްތިހާރުކޮށް، ޕްރޮމޯޓްކުރެވޭނެ.” ޚާލިދު ޙަސަން އަލް-ހަމާދީ ވިދާޅުވިއެވެ.

މި ޕާޓްނަރޝިޕާއި ގުޅިގެން ސްނެޕްޗެޓްގެ ގްލޯބަލް ކެރިއަރ ޕާޓްނަރޝިޕްސް މެނޭޖަރ، ބަޝީރުލް ބޯމެޑައިން ވިދާޅުވީ “އުރީދޫއާއެކު މި ގާއިމް ކުރެވުނު ޕަރޓްނަރޝިޕާއިއެކު ކަސްޓަމަރުންނަށް އިތުރު ފުރިހަމަ ކަމެއް ގެނައުމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިފަދަ ސްޓްރެޓީޖިކް ޕާޓްނަރޝިޕްތަކުގެ ތެރެއިން އޭއާރ ބޭނުންކުރުމުގެ ޤާބިލުކަން ޑިމޮކްރަޓައިޒްކޮށް ޚިދުމަތް ފުޅާވެގެންދިއުމަކީ އުއްމީދެއް ކަމަށެވެ.

” އަޅުގަނޑުމެންގެ ކުންފުނި، އަދި އަޅުގަނޑުމެންގެ އެޕް ގެ ހާއްސަކަމަކީ އަކީ އޭއާރް އަދި ކެމެރާ. އަޅުގަނޑުމެން ގަބޫލް ކުރާގޮތުގައި މި ޓެކްނޮލޮޖީ ގެ ސަބަބުން ދިރިއުޅުން ކުރިއެރުވުމަށާއި، ދަސްކުރުމާއި، އެކްސްޕްލޯކުރުމާއި، ވިޔަފާރި ކުރުމާއި، އާޓް ހެދުމާއި، މިނޫންވެސް އެތައް ކަމެއް ކުރުމަށް ހީވެސް ނުކުރާފަދަ ކަންތައްތަކެއް ކުރެވިދާނެ. ސްނެޕްގައި އަޅުގަނޑުމެންގެ ވިސްނުމަކީ އޭއާރް އަކީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭހާ ފަސޭހަ، ބޭނުންތެރި އަދި ޕްރެކްޓިކަލް އެއްޗަކަށް ހެދުން.” ބަޝީރުލް ބޯމެޑައިން ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް އަހަރު ފާހަގަކުރާއިރު، އަލަށް ތަޢާރަފްކުރި ފިލްޓަރ އަދި ފްރޭމް ވެގެންދާނީ ރާއްޖެއާއި ރާއްޖޭގެ ސަޤާފަތް އިޝްތިހާރުކުރުމަށް ލިބޭ އިތުރު ފުރިހަމަކަމެއްގެ ގޮތުގައެވެ.

ކަދުރު ރުއްތަކާއި ހުދު ކުލައިގެ ވެލި ގޮނޑުދޮށްތައް ފަދަ ގުދުރަތީ ރީތިކަން ދައްކުވައިދޭ އެލެމެންޓްތައް ހިމަނައިގެން “ހެލޯ ފްރޮމް ދަ ސަނީސައިޑް” ޖިއޯފިލްޓަރ ފަރުމާކޮށްފައިވާއިރު، ރާއްޖެއަށް ޚާއްޞަކޮށްފައިވާ އާ އޭއާރް ލެންސްގައި ދައްކުވައިދެނީ ރާއްޖޭގެ އަންހެނުންނާއި ފިރިހެނުންގެ ތަފާތު ސަގާފީ ފޭރާމެވެ.

އޭއާރް ބޭނުންކުރާ މިންވަރު މުޅި ދުނިޔޭގައި ވެސް އިތުރުވަމުން ދާއިރު، ސްނެޕްޗެޓް ގެ ޑޭޓާއަށް ބަލާއިރު، ހަ ބިލިއަނަށް ވުރެ ގިނަ އޭއާރް ލެންސް ބޭނުން ކުރާ ސެންޕްޗެޓަރުން އެބަ ތިއްބެވެ. އަދި ދުވާލަކު 200 މިލިއަނަށް ވުރެ ގިނަ މީހުން އޭއާރް އާ އެކު މުއާމަލާތް ކުރެއެވެ.

ސްނެޕްޗެޓް އާއިއެކު މި ޕާޓްނަރޝިޕްގެ ސަބަބުން ކަސްޓަމަރުންނާއި ވިޔަފާރިތަކަށް އީޖާދީ ކޮންޓެންޓް ތައްޔާރު ކުރުމުގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެއެވެ. އަދި މިފަދަ އިންޓަރނޭޝަނަލް ޕާޓްނަރޝިޕްތައް މެދުވެރިކޮށް، ތަފާތު އީޖާދީ ޑިޖިޓަލް އުފެއްދުންތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ވެސް އުރީދޫ މޯލްޑިވްސް އިން ދެއެވެ.