English Edition
Dhivehi Edition

މޯލްޑިވްސް ނެޝަނަލް (އެމްއެންޕީ) ޔޫތް ވިންގް ގެ ފަރާތުން ކެރަމް، ޗެސް އަދި ޕީއެސް 5 ފީފާ މުބާރާތެއް ފަށައިފިއެވެ.

މިއީ މިރަމަޟާން މަހަށް ޚާއްޞަކޮށްގެން ބާއްވާ މުބާރާތްތަކެކެވެ.

ކޮންމެ މުބާރާތެއްގެ އެއްވަނަ ހޯދާ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅިފައިވާ މިމުބާރާތްތައް ކުރިޔަށް ދާނީ މި އޭޕްރިލް މަހުގެ 20 ވަނަ ދުވަހާ ހަމައަށެވެ.

މިމުބާރާތްތަކުގެ ތެރެއިން ޕީއެސް 5 ފީފާ މުބާރާތް ކުރިޔަށްދަނީ ހަވީރީ ހިނގުމުގައި ހުންނަ އެމްއެންޕީ ޔޫތު ލައުންޖްގައެވެ. ކެރަމް އަދި ޗެސް މުބާރާތް ކުރިޔަށްދަނީ އެމްއެންޕީގެ ޖަގަހަ (ގ. ޕޫލް ޑްރީމް) ސިއްތިމާވާ ހިނގުމުގައެވެ.

އެމްއެންޕީ ޕީއެސް 5 ފީފާ މުބާރާތަކީ މިގޮތަށް ބޭއްވޭ ދެވަނަ މުބާރާތެވެ. މީގެ ކުރިން ވެސް އެމްއެންޕީ ޔޫތު ވިންގގެ ފަރާތުން ޕީއެސް 5 ފީފާ މުބާރާތެއްވަނީ ވަރަށް ކާމިޔާބުކަމާއެކު ބާއްވާފައެވެ. މިމުބާރާތައް ފެށުމަށާއި ޕީއެސް 5 ފީފާ މުބާރާތުގެ ގުރުނެގުމަށް މިމަހުގެ 16 ވަނަ ދުވަހު އެމްއެންޕީ ޔޫތު ލައުންޖްގައިވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ނޮކް އައުޓް އުސޫލުން ކުޅޭ މިމުބާރާތް 31 ބައިވެރިންނާއެކު ކުރިޔަށްދާއިރު މިހާރު ކުޅެވެމުން ދަނީ މުބާރާތުގެ ކުއާޓަރ ފައިނަލްގެ މެޗްތަކެވެ. މިމުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ރޭގައެވެ.

ރައުންޑް ރޮބިން އުސޫލުން (ހުރިހާ ކުޅުންތެރިންނާއެކު ރައުންޑް އުސޫލުން) ކުރިޔަށްދާ އެމްއެންޕީ ޗެސް މުބާރާތް ވަނީ މިމަހުގެ 17 ވަނަ ދުވަހު ފަށާ ގިނަ މެޗްތަކެއް މިހާރު ވަނީ ކުޅެފައެވެ. މިމުބާރާތުގައި 23 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. ޗެސް މުބާރާތުގެ ފަހު މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު، 19 އޭޕްރީލް ވަނަ ދުވަހުގެ ރޭ، އެމްއެންޕީ ޖަގަހައިގައެވެ.

އެމްއެންޕީ ކެރަމް މުބާރާތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 ވަނަ ދުވަހުގެ ރޭ ނޮކްއައުޓް އުސޫލުންނެވެ. މިމުބާރާތުގައި 19 ޓީމެއްގެ ޖުމްލަ 38 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

އެމްއެންޕީގެ ޔޫތު ވިންގގެ ލީޑަރ އުމައިރު އަޙްމަދު ވިދާޅުވީ އެވިންގގެ ފަރާތުން މިފަދަ ގިނަ މުބާރާތްތަކެއް ކުރިޔަށް އޮތް ތަނުގައި އިންތިޒާމު ކުރާނެ ކަމަށާއި، އެމްއެންޕީއަކީ ޒުވާނުންނަށް ކުޅިވަރާއި ސިޔާސީ ހަރަކާތުގައި ފަހި ފުރުޞަތުތަކެއް ތަނަވަސް ކޮށްދޭނެ ޕާޓީއެއް ކަމަށެވެ.