English Edition
Dhivehi Edition

އެއްވެސް ސަބަބަކާ ނުލައި ރައީސް ސާލިހަށް ދެވަނަ ދައުރަކަށް ޕާޓީން ރިޔާސީ ޓިކެޓު ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ ރަޝީދު) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއަރޕާރސަންގެ އިންތިޚާބުގައި ރައީސް ސާލިހުގެ ފެކްޝަނުން ވާދަކުރައްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ކެމްޕެއިން ހަރަކާތެއްގައި ފުވައްމުލަކުގައި ވާހަކަދައްކަވަމުންނެވެ.

ދޮންބެ ވިދާޅުވީ އޭނާ ގަބޫލުކުރައްވަނީ ރިޔާސީ ނިޒާމު ކަމަށާއި އެ ނިޒާމުގައި ރިޔާސީ ޕްރައިމަރީއަކާ ނުލައި، ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅަކަށް ދެވަނަ ދައުރަކަށް ޓިކެޓު ދޭންޖެހޭ ކަމަށެވެ. ޚާއްޞަކޮށް ކޮވިޑު ހާލަތުގައި ކޮވިޑް މެނޭޖުކުރި ގޮތާއި އެކަމުން އަރައިގަތުމަށް ކުރެއްވި ކަންތައްތަކަށް ބަލައި އިރު، އެއްވެސް ސަބަބަކާ ނުލައި ރައީސް ސާލިހަށް ދެވަނަ ދައުރަކަށް ޕާޓީން ރިޔާސީ ޓިކެޓު ދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒުގެ ކެމްޕެއިން ހަރަކާތުގައި ވާހަކަ ދައްކަވަމުން މެމްބަރު ރަޝީދު ވިދާޅުވީ ފައްޔާޒަކީ ހިންގުންތެރި ބޭފުޅެއް ކަމަށާއި އެކަން މިހައިތަނަށް ވެސް ދައްކަވާފައިވާ ކަމަށެވެ. އަދި ބުނަންޖެހޭ އެއްޗެއް، ބުނަންޖެހޭ ވަގުތުގައި އެމީހަކު ރުހުނަސް ނުރުހުނަސް ކަން އޮންނަ ގޮތަށް ބުނާ ބޭފުޅެއް ކަމަށާއި ޕާޓީގެ ލީޑަރޝިޕަށް މިހާރު ބޭނުންވަނީ މިފަދަ ޤާބިލު ބޭފުޅުން ކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއަރޕާރސަންކަމުގެ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، މި މަގާމަށް ދެންވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ވާދަކުރައްވަނީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.