English Edition
Dhivehi Edition

“ނިލަންދޫ ތަރި” ޤުރުއާން މުބާރާތުގައި މުބާރާތުގެ ޤަވާޢިދުގައިވާގޮތުގެ މަތިން ތިން ބައިވެރިއަކު މުބާރާތާއި ވަކިވެއްޖެއެވެ.

ފ. ނިލަންދޫ ކައުންސިލުން މުޅިން އަލަށް އިންތިޒާމުކޮށްގެން މިއަހަރުގެ ރަމަޟާންމަހު ކުރިއަށް ގެންދާ މި މުބާރާތާ ތިން ބައިވެރިން ވަކިވާން ޖެހުނީ ފުރަތަމަ ހަފްތާގެ ބައިވެރިންގެ ނަތީޖާއަށް ބެލުމަށްފަހުއެވެ.

އެގޮތުން މުބާރާތާއި ވަކިވާން ޖެހުނީ ފ. ނިލަންދޫ / ވައިއެރޭގެ، ފަދުވާ މޫސާ ނަޢީމުއާއި، ފ.ނިލަންދޫ / ހިޔާ، މަޒީނާ ޢަބްދުﷲ އަޙުމަދާއި ފ. ނިލަންދޫ / ކަރަންކާވިލާ، އާނިޔާ ޢަލީއެވެ.

މި މުބާރާތް ކުރިޔަށދަނީ ރަމަޟާންމަހު ކޮންމެ ހަފްތާއެއްގެ ހުކުރުދުވަހުގެރޭ ނިލަންދޫ ލަރނިންގ ސެންޓަރުގައެވެ. މި މުބާރާތުގެ ދެ ވަނަ ހަފްތާގެ ކިޔެވުން ރޭ ކުރިޔަށް ދިޔައިރު، މުބާރާތާއި ވަކިވި ބައިވެރިންނަށްވަނީ ނިލަންދޫ ކައުންސިލުން ހުށަހަޅާފައިވާ ފައިސާގެ ޢިނާމާއި ތަދްރީސުލް ޤުރުއާނުލް ކަރީމުން ހުށަހަޅާފައިވާ ފައިސާގެ ޢިނާމާއި ނިހާން އިންވެސްޓްމަންޓުން ސްޕޮންސަރކޮށްގެން ނިލަންދޫ ކައުންސިލުން ދޭ ޝީލްޑް ޙަވާލުކޮށްފައެވެ.

މުބާރާތުގެ 12 ވަނަ ބައިވެރިއަކަށް ހޮވުނު ފަދުވާ މޫސާ ނަޢީމަށް އިނާމުތައް ޙަވާލުކޮށްދެއްވީ ފެނަކަ ކޯޕަރޭޝަންގެ ނިލަންދޫ ބްރާންޗްގެ ޑެޕިއުޓީ މެނޭޖަރ މުޙައްމަދު ޢަޒީޒުއެވެ. މުބާރާތުގެ 11 ވަނަ ބައިވެރިއަކަށް ހޮވުނު މަޒީނާ ޢަބްދުﷲ އަޙުމަދަށް އިނާމުތައް ޙަވާލުކޮށްދެއްވީ ނިލަންދޫ ޑޭލައިޓް ކްލަބްގެ ރައީސް ޢަބްދުއް ރައްޒާޤު ޙުސައިންއެވެ. 10 ވަނަ އަށް ހޮވުނު އާނިޔާ ޢަލީ އަށް އިނާމުތައް ޙަވާލުކޮށްދެއްވީ ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫގެ ޖެނެރަލް ސެކްރެޓަރީ ޢަބްދުލް މަޖީދު މޫސާއެވެ.

ތިން ބައިވެރިން މި މުބާރާތާއި ވަކިވުމުން ބާކީތިބި ނުވަ ބައިވެރިންވަނީ ތިލާވާއާއި ޙިފުޒު އަދި ޢުލޫމުލް ޤުރުއާނުން އެބައިވެރިއަކަށް ޤުރުއަތުން ލައްވާލި ސުވާލުތަކަށް ޖަވާބުދީފައެވެ. އެބައިވެރިން ކުރި މަސައްކަތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ އަންނަ ހަފްތާ ހުކުރު ދުވަހުގެރޭ ކުރިއަށްގެންދާ ޕްރޮގްރާމުގައެވެ.

އަންނަ ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކުވެސް ދެ ބައިވެރިއަކު މުބާރާތުން ވަކިވެގެންދާނެ ކަމަށް ނިލަންދޫ ކައުންސިލުންވަނީ މަޢުލޫމާތު ދެއްވާފައެވެ.

ނިލަންދޫ ކައުންސިލުން ބުނީ މުބާރާތް ކުރިއަށް ގެންދެވެނީ ގިނަބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެން ކަމަށާއި އެގޮތުން މުބާރާތަށް އެކިގޮތްގޮތުން އެހީތެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި، ނިލަންދޫ ސްޕޯރޓްސް ކްލަބާއި، ނިލަންދޫ ޑޭލައިޓް ކްލަބް ހިމެނޭ ކަމަށެވެ. އަދި ފެނަކަ ކޯޕަރޭޝަނާއި، ތަދްރީސުލް ޤުރުއާނުލް ކަރީމްއާއި، ނިހާން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ހިލާލު ފިހާރައާއި ރަށުން ބޭރު އެތައް ފަރާތެއްގެ ދީލަތި އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް އެރަށު ކައުންސިލުން ބުންޏެވެ.

މުބާރާތުގެ އެއް ވަނައަށް އަންނަ ފަރާތަކަށް ނިލަންދޫ ކައުންސިލުން 15000ރ. (ފަނަރަހާސް ރުފިޔާގެ) ފައިސާގެ ޢިނާމެއް ހުށަހަޅާފައިވާއިރު، ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫގެ ފަރާތުން އަލްބްރޫޖް ޙައްޖު އެންޑް ޢުމުރާގެ ހެޔޮއެދުންތަކާއެކު ޢުމުރާ ދަތުރެއް ވަނީ ހުށަހަޅާފައެވެ.