English Edition
Dhivehi Edition

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެމްޕީ) އިން ބުނެފިއެވެ.

އެޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހިނގަމުންދާ ކުޑަކުދިންނަށް ކުރެވޭ އަނިޔާގެ ތަފާތު އެކި މައްސަލަތަކުގައި އެކަށީގެންވާ އިންސާފު ޤާއިމް ނުކުރެވުމަކީ އެ ޕާޓީން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން އައްޑޫސިޓީގައި ގިނަ ޢަދަދެއްގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކީ އެއްގޮތަކަށް ވެސް އެ ޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ. އަދި އެމައްސަލައިގައި ޤާނޫނުތަކުން އެކަށައަޅާފައިވާ އިންސާފާއި ރައްކާތެރިކަން ޤާއިމްކުރުމަށް ދައުލަތުގެ އެންމެހާ މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ހަލުވިމިނެއްގައި އެޅުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

މިފަދަ ހައްސާސް މައްސަލަތަކުގައި ކުޑަ ކުއްޖަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއްގައި ލަސްކަމެއް އައުމަކީ އެ ޕާޓީއަށް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އެމްއެންޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއެންޕީން ބުނީ އެ ޕާޓީން އަބަދުވެސް މަސައްކަތްކުރާނީ ކުޑަކުދިންގެ ހައްގުތައް ކުރިއަރުވައި ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ކަމަށެވެ.