English Edition
Dhivehi Edition

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ދެ ވަނަ ލެގުގައި ރޭ ޗެލްސީއާއި ދެކޮލަށް ކުޅުނު މެޗުން ބަލިވި ނަމަވެސް އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި ސްޕެއިންގެ ރެއާލް މެޑްރިޑު މުބާރާތުގެ ސެމީއަށް ދަތުރު ކޮށްފިއެވެ.

މި ދެޓީމު ބައްދަކުރި ފުރަތަމަ ލެގުގެ މެޗުން ރެއާލް 1-3 އިން މޮޅުވެފައިވާ އިރު، ރޭ ރެއާލް އަމިއްލަ ދަނޑުގައި ކުޅުނު މެޗުން 2-3 އިން ޗެލްސީ ވަނީ މޮޅުވެފައެވެ. ނަމަވެސް 5-4 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ލިބުނީ ރެއާލް މެޑްރިޑަށެވެ. ރެއާލަށް ސެމީ އިން ފުރުސަތު ލިބުނީ އެގްރިގޭޓް ނަތީޖާއިން ކުރި ލިބިގެންނެވެ.

ރޭގެ މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ޗެލްސީން މެޗުގެ ލީޑު ނެގިއެވެ. މި ލަނޑު ޗެލްސީއަށް ޖަހައިދިނީ ޓިމޯ ވާނާގެ އެހީތެރި ކަމާއި އެކު މޭސަން މައުންޓް އެވެ. އޭގެ ފަހުން ވެސް ރަނގަޅަށް ކުޅެ، ޗެލްސީން ދެވަނަ ލަނޑެއް ވެސް ޖަހައި ލީޑު ފުޅާކުރިއެވެ. މެޗުގެ 51 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ފުޅާކޮށްދިން ލަނޑު ޖަހާފައިވަނީ މައުންޓްގެ އެހީތެރިކަމާއި އެކު އެންޓޯނިއޯ ރޫޑިގާއެވެ. ޗެލްސީގެ ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ޖަހައިދިނީ ފަހު ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޓިމޯ ވާނާއެވެ.

ޗެލްސީން ތިން ލަނޑުގެ ބޮޑު ލީޑެއް ނެގި ނަމަވެސް ރެއާލުން މެޗުގެ ނަތީޖާ އަނބުރާލަން ކުރި މަސައްކަތް އެޓީމުން ކާމިޔާބު ކުރި އެވެ. އެގޮތުން ބުރަ މަސައްކަތުން މެޗުގެ 80 ވަނަ މިނެޓުގައި ރެއާލުން ލަނޑެއް ޖަހާ އެގްރިގޭޓް ނަތީޖާ ހަމަހަމަ ކުރިއެވެ. އެހެން ކަމުން މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެގްރިގޭޓް ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ދެން ކުޅުނީ އިތުރު 15 މިނެޓުގެ ދެ ހާފެވެ. ރެއާލް އިން ލީޑު ނެގީ އިތުރަށް ކުޅުނު 15 މިނެޓުގެ ފުރަތަމަ ހާފު ފެށުނުތަނާހެން ކަރީމް ބެންޒެމާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

އެގްރިގޭޓް ނަތީޖާ 4-5 އިން ކުރި ހޯދާ ރެއާލުން މެޗު ކާމިޔާބު ކޮށް ސެމީއަށް ދަތުރު ކުރިއިރު، ސެމީގައި އެެޓީމު ކުޅޭނީ މިރޭ ކުއާޓާ ފައިނަލުގައި މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.