English Edition
Dhivehi Edition

ހއ. ދިއްދޫގައި 25 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމްކުރުމުގެ މަސައްކަތްކުރުމަށް ބިޑަށް ހުޅުވާލުމުން ކުރިމަތިލީ އެންމެ ފަރާތެއް ކަމަށް ފިޝަރީޒް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ކުރިމަތިލީ އެކަމަށް ކުރިމަތިލީ ފަރާތުގެ ޝަރުތު ހަމަނުވާކަމަށެވެ.

މިއީ ސައުދީ ފަންޑުގެ އެހީގައި ހިންގާ މަޝްރޫޢުއެއްކަމުން، އަނެއްކާވެސް ބިޑަށް ހުޅުވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ ދޯނިފަހަރުގައި ރެފްރިޖެރޭޓެޑް ސީވޯޓަރ ސިސްޓަމް ބޭނުންކޮށްގެން މަސް ފިނިކުރުމުގެ ނިޒާމް ޤާއިމްކުރުމަށް ކަމަށެވެ. އެ މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންނާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއި ސައުދީ ފަންޑުގެ އެހީގައިކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޚިދުމަތް ފެށުމަށް ކުރިން ބިޑުކުރެވުނު ކަމަށާއި، ނަމަވެސް ހުށައެޅިފައިވާ ބިޑުތަކަކީ އެކަށީގެންވާ ބިޑުތަކަކަށް ނުވާތީ ބާޠިލުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އެހެންކަމުން މިހާރު ނިންމާފައިވަނީ ދިވެހި ކުންފުނިތަކެއް އިންޓަރނޭޝަނަލް ބިޑިންގގެ ތެރެއަށް ވެއްދުމަށް. އެ މަޝްރޫޢު ފަށާނީ އެ ކުންފުނިތަކަށް އެސްއެމްއީ ލޯން ދީގެން. މިއާއެކު ފަސޭހަ ނިޒާމެއްގެ ތެރެއިން މި ޚިދުމަތް ފެށޭނެ.

މިއަދުގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ ވަނީ ސަރުކާރު ނިމުމުގެ ކުރިން 200 ދޯނީގައި މަސް ފިނިކުރެވޭނެ ނިޒާމް ޤާއިމްކުރާނެކަމަށް ވެސް ވިދާޅުވެފައެވެ.

ލޮނުފެނުން މަސްފިނިކުރާ ނިޒާމް ޤާއިމުކުރުމަށް މިއަހަރުގެ ތެރޭގައި 59 މިލިއަން ރުފިޔާގެ ލުއި ލޯނު ސަރުކާރުން ދޫކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަނީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން ދޫކުރާ ލޯނުގެއަގު ކަނޑައަޅާފައިވަނީ ލޮނު ފެނުން މަސްފިނިކުރާ ނިޒާމުގެ 10 ޓަނާއި 15 ޓަނުގެ ޕްލާންޓަށް އަމާޒުކޮށް، އޭގެ އަގާއި ސިސްޓަމް ހިންގަން ބޭނުންވާ ޖަނަރޭޓަރުގެ އަގާއި ދޯނީގައި މި ސިސްޓަމް ހަރުކުރުމުގެ އަގު ހިމަނައިގެންނެވެ.