English Edition
Dhivehi Edition

ތިމާ އެކުގައިވާންޖެހޭނީ ތިމާއަށް އެންމެ ހެޔޮއެދޭ، ތިމާއަށް ރައްކާތެރިކަންދޭ ފަރާތާއެކުގައިކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް، އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝައިޚް ޢިމްރާން މިހެން ވިދާޅުވީ އިސްލާމީ މަރުކަޒު ހޯލުގައި އޮތް އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ.

”ތިބާ ﷲ އާއެކު ވާށެވެ!” މި މަޢުޟޫއަށް މިރޭ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވޮޑިގެންވަނީ އަޅުގަނޑުމެންނާއިއެކުގައިކަމަށާއި އަޅުގަނޑުމެން ވަނީ އެކަލާނގެއާއިއެކުގައިތޯ ސުވާލުކުރެއްވިއެވެ.

އެގޮތުން އިންސާނުންނަށް ބަލާއިރު ބައެއް ހާލަތްތަކުގައި، ގާތުގައި ފެންނަ ހިސާބުގައި ވިޔަސް އެއީ އެކުގައިވާ ފަރާތްތަކަށް ނުވާ ފަހަރު އަންނަކަމަށާއި ދުރުގައި، ނުފެންނަ ހިސާބެއްގައި ވިޔަސް އެކުގައިވާ ފަރާތްތައް ވާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ކޮންމެ އިންސާނެއްވެސް ބޭނުންވާނީ އެމީހަކާއި އެންމެ ގާތުގައި ނުވިޔަސް، އެކުގައިވާ ފަރާތެއްކަމަށާއި އެފަރާތަކީ ތިމާއަށް މަތިވެރި އިއްޒަތްދޭނެ، ކޮންމެ ވަގުތެއްގައި ތިމާ ރައްކާތެރިކޮށްދޭނެ، އަދި ހެޔޮ އެދޭނެ ފަރާތަކަށް ވުމަށްކަމަށް ވިދާޅުވިއެވެ.

ޝައިޚް ވަނީ މާތްﷲ އާއިއެކުގައިވާން ބޭނުންވާ މީހާގެ ޢަމަލުތައް ބަހައްޓަން ޖެހޭގޮތުގެ މައްޗަށާއި މާތް ﷲ އާއެކުވާން ބޭނުންވާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކަށް ވަރަށް ތަފްސީލުކޮށް ބައްލަވާލައްވާފައެވެ.