English Edition
Dhivehi Edition

ހާރަކީ ރަމަޟާން މަހު ރޯދައަށް ހުރުމައްޓަކައި ފަޖުރައް ލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ކާކެއުމަކަށް ކިޔާ ނަމެކެވެ. ހާރު ކެއުން ވީހާވެސް ލަސްކުރުން މޮޅުއިތުރެވެ.

ހާރު އެއިގެ ވަގުތުގައި ކެއުމަކީ ވަރަށް މަތިވެރި ސުންނަތެކެވެ. އެކަމުގެ ސަބަބުން ޙާޞިލުވާ ފައިދާތައްވެސް ވަރަށް ގިނަ އެވެ.

ހާރު ކެއުމަށްޓަކައި މުހިންމީ ގިނަ ބާވަތްތައް ހިމެނޭ ބޮޑު ކެއުމެއް ކައިގެން އަވަހަށް ނިދުމެއް ނޫނެވެ. ކިތަންމެ ލުއި، އާދައިގެ ކެއުމެއް ނަމަވެސް ސުންނަތް ވަގުތު، ފަޖުރުލުމާއި ވީހައި ގާތްކޮށް ހާރު ކެއުމުގައި މާތް ﷲ ލައްވަވާ ބަރަކާތް މާވަރުގަދަވާނެ އެވެ.

އަޅުގަޑުމެން ނުކައި ރޯދައަށް ތިބެނީ ނުވަތަ ރޯދަ ހިފަނީ މާތް ﷲ ގެ މަތިވެރި ހަޟްރަތުން ސަވާބާއި ދަރުމަ އެދިގެން އެކަމުގެ ބޭނުމުގައެވެ. އެހެންކަމަށްވާއިރު ތިމާ ކުރާ ކޮންމެ އަމަލެއްވެސް ކުރަންވާނީ ހިތް ނިޔަތް މާތްﷲ އަށް ޚާލިޞްކޮށް، މާތްﷲ އެންގެވި ގޮތުގައެވެ.

ހަށިގަނޑުގައި ވަރުޖެއްސުމުގެ ބޭނުމުގައި ކިތަންމެ މޮޅު ތަކެތި ކިތަންމެ ގިނައިން ކެއި ނަމަވެސް އެކަމުން ހަށިގަޑަށް ފައިދާ ކުރާނެ މިންވަރު ކަނޑައަޅުއްވަވަނީ ﷲ ތަޢާލާއެވެ. އެކަމުން ހަށިގަނޑަށް ފައިދާކުރާނީ ﷲ ތަޢާލާ މިންވަރު ކުރެއްވެވި ވަރަކަށެވެ.

ހާރުކެއުމުގެ ފައިދާ އެންމެ ބޮޑަށް ކުރާނީ ސުންނަތާއި އެއްގޮތަށް އަމަލުކުރުމުންނެވެ. އެހެންކަމުން ހާރުކެއުމުގެ ފައިދާ ހަށިގަނޑަށް ކުރާނީ ސުންނަތުގައިވާފަދައިން ވީހައި ލަސްކޮށް ހާރުކެއުމުންނެވެ.

ހާރު ކެއުމުގެ މި ސުންނަތަށް ޢަމަލު ކުރުމަކީ މުހިންމުކަން ބޮޑު ކަމެކެވެ. އެހެނީ ރޯދަ ހިފަނީ މާތް ﷲ އަށްޓަކައިކަން ހިތުގައި ބާއްވައިގެން ރޯދަ ހިފާމީހަކަށް މި ކަމަކީ އެއީ މާ ބޮޑުކަމަކަށް ނުވާނެއެވެ. އަދި ތިމާ ރޯދަ މިހިފަނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުންކަން ޙޯދަންކަން ހިތުގެ އަޑިން ޤަބޫލުކުރާ މީހަކު މިފަދަ މަތިވެރި ސުންނަތެއް ދޫކޮށެއް ނުލާނެއެވެ.

ނޯޓް: މިއީ މުފްތީ މެންކުގެ ދަރުސަކުން ނަގާފައިވާ މަޢުލޫމާތު ކޮޅެކެވެ.