English Edition
Dhivehi Edition

ރާއްޖޭގައި ހުރިހާ ކުޅިވަރެއްވެސް ކުރިއެރުވުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރޭސިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެންބަރުންނާއި އެކު ބޭއްވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވިދާޅުވީ ވަކި ކުޅިވަރެއް ތަފާތުނުކޮށް ރާއްޖޭގައި ހުރިހާ ކުޅިވަރެއް ކުރިއެރުވުމަށްވެސް މަސައްކަތްކުރައްވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި އެ އެސޯސިއޭޝަނުގެ މެންބަރުން ވަނީ ރާއްޖޭގައި މޮޓޯ ސްޕޯޓްސް ކުރިއެރުވުމުގައި ކުރިމަތިވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން މި ކުޅިވަރުގައި ހަރަކާތްތެރިވާ ފަރާތްތަކުން ފަރިތަކުރުންތައް ކުރިޔަށްގެންދިއުމަށް ސަރަޙައްދެއް ބޭނުންވާކަން އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި މި ކުޅިވަރު އިތުރަށް ކުރިއެރުވުމަށް ބޭނުންވާކަންކަމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެ އެސޯސިއޭޝަނުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި، ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.