English Edition
Dhivehi Edition

މުސްލިމުން އެއްބަޔަކު އަނެއްބަޔަކާ ގުޅިފައިވާ އެންމެ ވަރުގަދަ ގުޅުމަކީ އަޚްވަންތަ ކަމުގެ ޚާލިޞް ލޯބީގެ ގުޅުމެވެ. އެ ލޯބި ވާން ޖެހޭނީ މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން ވާ ލޯތްބަކަށެވެ. ޤިޔާމަތް ދުވަހުގައި މިފަދަ މީހުން ވަނީ މާތްﷲ ގެ ޢަރްޝީގެ ހިޔަލުގައެވެ.

ތިމާގެ އަމިއްލަ ނަފުސަށް ހެޔޮކަންކަމަށް އެދޭ ފަދައިން ތިމާގެ އަޚާއަށް ވެސް އެފަދަ ހެޔޮކަންތައްތައް ވުމަށް އެދެންވާނެއެވެ. ތިމާގެ އަމިއްލަ މުދަލާއި ދަރިން ރައްކާތެރި ކުރާ ފަދައިން ތިމާގެ އަޚާގެ މުދަލާއި އަނބިދަރިންވެސް ސަލާމަތް ކުރަން ވާނެއެވެ.

ނަމަވެސް މިކަމަށް އޮތް އެންމެ ބޮޑު ފަރުވާއަކީ، ކުށް ހީތަކުން ދުރުހެލިވުމެވެ. ކުށްހީތަކަކީ ދޮގު ވާހަކަތަކުގެ އަސްލެވެ. ތިމާގެ އަޚާގެ ކަންތައްތަކަށް ފާރަލުމަށްޓަކައި ޖާސޫސު ނުކުރާށެވެ. އަދި މާއްދީ ކަންތައްތަކުގައި ތިމާގެ އަޚާގެ މައްޗަށް ކުރިހޯދުމަށް ވާދަނުކުރާށެވެ. ތިމާގެ އަޚާއަށް ފުރަގަސް ނުދޭށެވެ. ތިމާގެ އަޚާއަށް ލިބޭ ނިޢުމަތްތަކަށް ޙަސަދަވެރިވުމުން ދުރުހެލިވުމަށް އިސްލާމްދީން ގޮވާލައެވެ.

ތިމާގެ އަޚާއަށް ނިޢުމަތެއް ދެއްވާފައިވާ މަންޒަރު ފެނުމުން އެކަމަށް ޙަސަދަވެރިވުމަކީ ވަރަށް ގިނައިން ކުރެވޭކަމެކެވެ. މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ތަފާތު ނިޢުމަތްތައް ދެއްވައި އިންތިޙާން ކުރައްވައެވެ. އެއީ އޭނާ އެކަލާނގެއަށް ޝުކުރުވެރިވަނީ ކިހާމިންވަރަކަށްތޯ ބެއްލެވުމަށް ޓަކައެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. “ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާން ކުރައްވާހުށީމެވެ. އެއީ ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ.” ބަޤަރާ 155

ޙަސަދަވެރިކަމުގެ ސިފަ އިންސާނެއްގެ ކިބައިގައި އަށަގެންފިނަމަ، އެފަދަ މީހާ ކުރާ ހުރިހާ ހެޔޮ ޢަމަލުތަކެއް ގެއްލިގެން ދެއެވެ. އަލިފާންގަނޑަކަށް ދަރުތަކެއް އަޅާލުމުން އަނދައިގެން ދާފަދައިން އިންސާނާ ކުރާ ހެޔޮޢަމަލުތައް ނެތިގެންދެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ވާރިދުވެފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. “އަލިފާނަށް ދަރުތައް ލުމުން އަނދައިގެދާ ފަދައިން ޙަސަދަވެރިކަމުގެ ސަބަބުން އިންސާނާ ކުރާ ހެޔޮކަންތައް އަނދައިގެންދެއެވެ. ޞަދަޤާތުގެ ސަބަބުން ނުބައިކަންތައް ފޮހެވިގެން ދެއެވެ. އެއީ ފެނުން އަލިފާން ނިވިގެންދާ ފަދައިންނެވެ. ނަމާދަކީ މުއުމިނުންނަށްވާ ނޫރެކެވެ. ރޯދައަކީ ނަރަކައިން ވާ ރައްކާތެރިކަމެކެވެ.”

ރަމަޟާން ރޯދައަށް ހުންނައިރު ތިމާގެ ހިތުގައި މީހުންނާ މެދު އުފެދިފައިވާ ނުރުހުންތެރިކަމުންނާއި ޣީރަތްތެރިކަމުން ސަލާމަތް ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިމާ ހިފާ ރޯދަ އެންމެ ފުރިހަމަ ގޮތުގައި ހިފޭނީ އެއިރުންނެވެ. މިފަދަ ނުބައި ބަލިތަކުން ސަލާމަތް ވުމަކީ ސުވަރުގެއަށް ވާޞިލްވުމަށްޓަކައި ކޮށިގެންދާ މަގެކެވެ.

ނޯޓް : މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ޝައިޚް މޫސާ އަންވަރު ޙަސަން ރޯދައަށް ހުރެ އެހެން މީހުންނަށް ހަސަދަވެރި ނުވުމާއި ގުޅެގޮތުން ލިޔެފައިވާ ލިޔުމަކުންނެވެ.