English Edition
Dhivehi Edition

އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށްޓަކީ ދުޅަހެޔޮ ވެށްޓަކަށް ވެގެން މެނުވީ ހަޤީގީ ދުޅަހެޔޮކަން ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ބޭއްވި ރަސްމީ ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖެ ފާހަގަވެގެން ގޮސްފައިވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ތިމާވެށްޓަށް އަންނަމުންދާ ނޭދެވޭ އަސަރުތަކާއި ތިމާވެށީގެ ނާޒުކުކަން ހާމަކޮށްދީ، ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ޤައުމެއްގެ ގޮތުގައި ކަމަށެވެ.

ތިމާވެށި ހިމާޔަތް ކުރުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެމުން ގެންދަވާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ އެގޮތުން އ.ދ.ގެ އާންމު މަޖިލީހާއި އެންމެފަހުން ބޭއްވުނު ކޮންފަރެންސް އޮފް ޕާޓީސް (ކޮޕް) ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވި ތަޤުރީރުގައި ތިމާވެށި ހިމާޔަތް ކުރުމަށްޓަކައި ތަރައްޤީވެފައިވާ ޤައުމުތަކުން ޖައްވަށް ދޫކުރާ ވިހަގޭސްތައް މަދުކޮށް ތިމާވެށި ހިމާޔަތް ކުރުމަށް ބާރު އަޅުއްވާފައިވާކަން ފާހަގަކުރައްވާފައެވެ.

އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ “ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް” އިފްތިތާޙުކޮށްދެއްވާފައެވެ. އަދި މި ޖަލްސާގައި “ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް” އާއި ގުޅޭ ކޮމިޓްމަންޓްގައި ކައުންސިލްތަކުގެ މަންދޫބުން ވަނީ ސޮއިކުރައްވާފައެވެ.

އެ ޖަލްސާގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝައުނާ ކްލައިމެޓް ސްމާޓް ހޮސްޕިޓަލް ޕޮލިސީ ސްޓްރެޓަޖީ އިފްތިތާޙުކޮށްދެއްވާފައިވާއިރު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވަނީ އިންޓަރ ސްކޫލް އާޓް އަދި ކުރުވާހަކަ ލިޔުމުގެ މުބާރާތް އިފްތިތާޙުކޮށްދެއްވާފައެވެ.

‎ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަތެވެ.