English Edition
Dhivehi Edition

ދުޅަހެޔޮ ޞިއްޙަތެއްގައި އިންސާނާ ދެމިހުރުން ގުޅިފައިވަނީ އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށީގެ ދުޅަހެޔޮކަމުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ކުޑަ ޤައުމެއްނަމަވެސް، ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާމެދު ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތު ކުރުމުގައި ރާއްޖެއަކީ ވަރަށް ކުރިންސުރެއް އިސް ސަފުގައި މަސައްކަތްކޮށް ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް ވެސް ނަމޫނާ ދައްކަމުންދާ ޤައުމެއް ކަމަށެވެ.

“އަޅުގަނޑުމެންގެ ވަށައިގެންވާ ތިމާވެށީގެ ހިތްގައިމުކަމަކީ އެއީ އެތައް މިލިއަން އަހަރަކުން އަޅުގަނޑުމެންނާއި ހިސާބަށް ވާޞިލުވެފައިވާކަމެއް. އަޅުގަނޑުމެން އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން މިއަދު ދުނިޔޭގެ ތިމާވެއްޓަށް އެތައް ގޮންޖެހުންތަކަކާ ކުރިމަތިވަމުންދޭ.” ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަޅުގަނޑުމެންގެ ފަރުވާ ކުޑަކުރުމުގެ ސަބަބުން އުކާލެވޭ ކުނިތަކާއި ޕްލާސްޓިކުގެ ސަބަބުން ދުނިޔޭގެ ކަނޑާއި އަޅުގަނޑުމެންގެ ވަށައިގެންވާ ގޮނޑުދޮށްތަކާއި މަސްމަހާމެއްސަށް ގެއްލުން ލިބޭކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.