ނިންޖަކީ މާތް ރަސްކަލާންގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެއް ކަމަށް އައްޝައިޚް ހަސަން ލަތީފް މޫސާ ވިދާޅުވެއްޖެއެވެ.
މިރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ އިޙްޔާ ފޯރަމްތަކުގެ ދެވަނަ ފޯރަމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ރޭގަނޑު އަވަހަށް ނިދަން ޖެހޭކަން ރަސޫލާ އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
އިންސާނުންގެ ކިބައިގައި ނިދީގެ ނިޒާމް މާތް ރަސްކަލާންގެ ލައްވަވާފައިވާ ގޮތާއިބެހޭ ގޮތުން ވަރަށް ތަފްސީލީ ގޮތެއްގައި މަޢުލޫމާތު ހިއްސާކުރައްވާ، އަރާމު ނިންޖަކަށް ބޭނުންވާ ކަންތައްތަކަކީ ކޮބައިކަމާއި އިންސާނާގެ ނިދި ފުރިހަމަކުރުމަށް ބޭނުންވަނީ ކިތައް ގަޑިއިރުކަން ވެސް ވަނީ ވިދާޅުވެދެއްވާފައެވެ. އަދި ފުރިހަމަ ނިދި ލިބިގަތުމާއިއެކު ދަމުނަމާދު ލިބިގަތުމަށްޓަކައި ނިދުން އެންމެ ރަނގަޅު ވަގުތުތައްވަނީ ޕްރެޒެންޓޭޝަންގެ އެހީގައި ކިޔައިދެއްވާފައެވެ.
މީގެ އިތުރުން ގިނައިން ކެއުމަކީ ރަސޫލާގެ ސުންނަތާއި ޚިލާފުކަމެއް ކަމަށާއި ރޯދައަށް ހުރުމަށްފަހު ގިނައިން ކެއުމުގެ ސަބަބުން ދިމާވާ އެކިއެކި ކަންކަމާއި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި އަދި ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކުރެވިދާނެ ބައެއްކަންތަކުގެ މައްޗަށް ވެސް ވަނީ ބައްލަވާލައްވާފައެވެ.