English Edition
Dhivehi Edition

“ކުމްކުމް ބާގްޔާ” އިން ގިނަ ބައެއްގެ ލޯތްބާއި މަގުބޫލުކަން ހޯދާފައިވާ ޝައްބީރް އަހުލޫވާލިޔާ އެ ޑްރާމާ ދޫކޮށްލަން ނިންމައިފިއެވެ.

މެދުކެނޑުމެއް ނެތި 7 އަހަރު ދުވަހު ”ރޮކް ސްޓަރ އަބީ” ގެ ރޯލުން ފެނިގެން ދިޔަ ޝައްބީރް މި ޑްރާމާ ދޫކޮށްލަން ނިންމީ ބޮޑެތި ދަރިންތަކެއްގެ ބައްޕައެއްގެ ރޯލު ކުޅެން ޖެހޭތީކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ. އަދި މިހާރު ޑްރާމާގެ ވާހަކައަށް ގެނެސްފައިވާ ބަދަލާއެކު އޭނާގެ ރޯލުވެސް ކުޑަކޮށްފައިވާކަމަށް ރިޕޯޓްތައްވަނީ ބުނެފައެވެ.

ޝައްބީރް މި ޑްރާމާއިން ވަކިވާ ސީދާ ސަބަބު ހާމަކޮށްފައި ނުވިނަމަވެސް އޭނާ ވަނީ ކުމްކުމް ބާގްޔާ” ދޫކޮށްލައި އެހެން ޝޯއަކާ ގުޅުނުކަން ޔާގީންކޮށްދީފައެވެ. ރިންދާވަން ކިޔާ ރަށެއްގައި ހިނގާ ލޯބީގެ ހާދިސާއެއް ދައްކުވައިދޭ “ޕިޔާރް ކާ ޕެހެލާ ނާމް ރާދާ މޯހަން” ކުޅުމަށް ޝައްބީރު މިހާރު ސޮއިކޮށްފައިވާއިރު އޭނާ ވަނީ “ކުމްކުމް ބާގްޔާ”އަކީ ހަމައެކަނި މާޒީވެފައިވާ އުފާވެރި ހަނދާން ތަކެއްކަމަށް ބުނެފައެވެ،

ކުމްކުމް ބާގްޔާ ދޫކޮށްލުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް ޝައްބީރް ބުނެފައިވާއިރު އޭނާވަނީ ޝޯގެ ބަތަލާ ސްރީޖީ ޖާ އާއި ސަޕޯޓިން އެކްޓަރު އަރިޖީތު ތަނޭޖާ އާއި އޭނާގެ މެދުގައި ވަރަށް ޚާއްސަ ގުޅުންތަކެއް އުފެދިފައިވާކަމަށްވެސް ބުނެފައެވެ. އަދި އެމީހުން ދޫކޮށްލާފައި ދިއުން ވެސް ވީ ވަރަށް އުނދަގޫކަމަކަން ޝައްބީރް ވަނީ ފާހަގަކޮށްފައެވެ.