English Edition
Dhivehi Edition

އދ. ދިއްދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހާ ހިއްސާކޮށްފިއެވެ.

މިކަންކަން ރައީސް އާ ހިއްސާކޮށްފައިވަނީ އަރިއަތޮޅު ދެކުނުބުރީ ދިއްދޫ ކައުންސިލުގެ މެމްބަރުންނާއެކު، ރައީސް ސާލިހު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެންދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެގޮތުން ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ބޭނުންކުރުމުގައި ކުރިމަތިވާ ދަތިތަކާއި ރަށްގިރުމުގެ މައްސަލައާއި ޞިއްޙީ މަރުކަޒު ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ސްކޫލާއި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ބޭނުންވާކަން ފާހަގަކުރައްވާ، ރަށުގެ ޒުވާނުންނާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޭނުންވާ މުހިންމުކަންކަން ވެސް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ބަނދަރާއި ގުޅޭގޮތުން ފާހަގަކުރެއްވި ކަންކަމާއި ރަށްގިރުމުގެ މައްސަލައިގައި ޓެކްނިކަލް ސާރވޭއެއް ހެދުމަށްފަހު ޙައްލުގެނެވޭނެ ގޮތްތައް ނިންމަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަކިރަށެއް ތަފާތުކުރުމެއްނެތި ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމުކަންކަން ސަރުކާރުން ކޮށްދެއްވަމުން ގެންދަވާނެކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ތަރައްޤީގެ ކަންކަން ކުރިޔަށްގެންދަވާފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.