English Edition
Dhivehi Edition
ފޮޓޯ: ހުވަދޫ.ކޮމް

ރާއްޖޭގެ ދެކުނަށް މިދުވަސްވަރު މަސްވެރިކަން ރަނގަޅުވެފައިވާއިރު، ދެކުނުގެ މަސްވެރިން ބޭނި މަސް ނުކިރިގެން ކޫއްޑޫ ފަޅުގައި ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިފްކޯ އިން ކުރިން ބުނެފައިވަނީ ރާއްޖޭގެ ދެކުނަށް އާދަޔާ ޚިލާފަށް މަސްވެރިކަން ރަގަޅުވެ، ކޫއްޑޫގެ ފްރީޒިންގ ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ބާނަމުންދާ ކަމަށެވެ.

އެހެންވެ، ދުވަހުން ދުވަހަށް މަސްވެރިން ބާނާ މަސް ކިރުމުގެ ގޮތުން ކޮންމެ ދޯންޏަކުން ވެސް ދުވާލަކަށް ކިރަމުންދާނީ 5 ޓަނުގެ މަސް ކަމަށް ވެސް ވަނީ ބުނެފައެވެ.

ދެކުނަށް މަސްވެރިކަން ރަނގަޅުވުމުގެ ސަބަބުން މަސްކިރުވުމަށް ގިނަ އަދަދެއްގެ ދޯނިތައް، އިއްޔެއިން ފެށިގެން ވަނީ ކިއު ހަދާފައެވެ. އަދި މިހާރުވެސް ގިނަ ދޯނިތަކެއް ވަނީ މަސްކިރުވުމަށް ކޫއްޑު ބަނދަރުގައި އޮތް އިރު، މަސް ގަންނަ ޢަދަދު ކޮންޓްރޯލުކޮށްފައިވުމުން މަސްވެރިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ބައެއް ދޯނިތަކުން 200 ޓަނަށް ވުރެ ގިނައިން މަސް ހުންނާނެ ކަމަށް ބުނެފައިވާއިރު، 28 ޓަނާއި 40 ޓަނުގެ މަސް ބާނައިގެން ވެސް ބައެއް ދޯނިފަހަރު ކޫއްޑޫ ބަނދަރުގައި އެބަތިއްބެވެ. ކޫއްޑުއަށް މަސްކިރޭގޮތް ނުވުމުން ބައެއް ދޯނިފަހަރު ތިނަދޫއަށް ވެސް ގޮސްފައިވާކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

ކޫއްޑު ބަނދަރުގައި އޮތް ބައެއް ދޯނުތަކުން ބުނީ މަސް ކިރެންދެން އެތަނުގައި ތިބޭނެ ކަމަށާއި ކޮންމެފަހަރަކު ވެސް މަސްވެރިކަން ތިޔާގިވުމުން މި މައްސަލަ ދިމާވާ ކަމަށެވެ. އަދި މިއީ ހައްލެއް ބޭނުންވާ ކަމެއް ކަމަށާއި މަސްވެރިން ބާނާ މަހަށް ހަމަ އަގު ވެސް ނުލިބޭކަން މަސްވެރިން އަންނަނީ ފާހަގަކުރަމުންނެވެ.

“މީ އަލަށް ވާ ކަމެއް ނޫން. ކޮންމެފަހަރަކު ވެސް މަސްވެރިކަން ތިޔާގިވީމަ މި ޖެހެނީ ބާނާ މަސްތައް އުކާލަން. މީ މިކަން އޮންނަންވާނެ ގޮތެއް ނޫން ދޯ. ކޮންމެކަމަކަށް ވެސް ހައްލެއް އޮންނާނެނު. އަހަރުމެން މިކުރާ މަސައްކަތަށް ރަނގަޅު އާމްދަނީއެއް ނުލިބޭ އިރު، ބާނާ މަސްތައް ވެސް މިޖެހެނީ އުކާލަން.” ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ މަސްވެރިއަކު ބުންޏެވެ.