English Edition
Dhivehi Edition

ނަމާދާއި ރޯދައަކީ ވެސް އިސްލާމް ދީނުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ދެ ރުކުނެވެ. ނަމަވެސް ތަޢުޙީދުގެ ކަލިމައަށް ފަހު ދެވަނަ ކަމަކީ ނަމާދު ކުރުމެވެ. އެގޮތުން ނަމަދަކީ އިސްލާމްދީނުގެ ދެވަނަ ރުކުނެވެ. އިސްލާމްދީން ބިނާވެފައިވަނީ ފަސް ކަމެއްގެ މައްޗަށެވެ. އެއީ ސަހާދަތް ކިޔުމާއި ނަމާދުކުރުމާއި ޒަކާތް ދިނުމާއި ރޯދަ ހިފުމާއި ކުޅަދާނަކަން ލިބިގެންވާ މީހާ ހައްޖަށް ދިޔުމެވެ.

އެހެންކަމުން ރުކުންތަކުގެ ތަރުތީބަށް ބަލާއިރު ނަމާދު، ރޯދައަށްވުރެ އިސްވެ އެވެ. އިސްލާމްދީނުގެ ރުކުންތައް އަދާކުރާއިރު އޭގެ ތަރުތީބަށް ވެސް ސަމާލުކަން ދޭންޖެހެ އެވެ. ނަމާދަކީ ކުފުރާއި އިމާންކަމާ ދެމެދުގައިވާ ފާރެވެ. އެ ފާރު ވެއްޓިއްޖެނަމަ އެމީހެއްގެ ދީންވެރިކަން ދިޔައީ އެވެ.

ނަމާދު އަޅާފަ ރޯދަ ހިފުމާ ބެހޭ ގޮތުން އިލްމްވެރިން ވަނީ ބަހުސްކޮށްފަ އެވެ. ބައެއް އިލްމްވެރިން ވިދާޅުވާ ގޮތުގައި ނަމާދު އަޅައިފިނަމަ އެމީހަކު ދީނުން ބޭރުވާނެ އެވެ. އަނެއް ބައި އިލްމްވެރިން ވިދާޅުވަނީ ނަމާދުގެ ވާޖިބުކަން ގަބޫލުކުރާ ހާލު، ފަރުވާކުޑަކަމުން ނަމާދު ދޫކޮށްލައިފިނަމަ އެމީހަކު އިސްލާމްދީނުން ބޭރެއް ނުވާނެ އެވެ. އެމީހާއަށް އޮތީ ތައުބާވުމެވެ.

ނަމާދު އަޅައިފިނަމަ ދީނުން ބޭރުވާނެ ކަމަށް ވިދާޅުވާ އިލްމްވެރިންގެ ނަޒަރުގައި ގަސްދުގައި ނަމާދު އަޅާފައި، ރޯދަ ހިފާނަމަ އެ ރޯދައެއް ސައްހައެއް ނުވާނެ އެެވެ. އަނެއް ބައި އިލްމްވެރިން ވިދާޅުވަނީ ފަރުވާކުޑަވެގެން ނަމާދު ދޫކޮށްލައި މީހާގެ ރޯދަ ސައްހަ ވާނެ އެވެ. ނަމަވެސް އޭނާ އެކަމަށް ތައުބާވާން ޖެހޭނެ އެވެ.

މި ހުރިހާ ކަމަކުން ވެސް އެނގެނީ ނަމާދުނުކޮށް ހިފާ ރޯދައަކުން ހެޔޮ ސަވާބާއި ދަރުމަ ނުލިބޭނެ ކަމެވެ. އަދި އެއީ މާތްﷲގެ ހަސްރަތުގައި ގަބޫލު ނުކުރެވޭ ރޯދައަކަށް ވެސް ވެދާނެ އެވެ.

 

ނޯޓް: މި ލިޔުމަށް މަޢުލޫމާތު ނަގާފައިވަނީ ޑރ މުޙައްމަދު ޝަޙީމް އަލީ ސަޢީދު ރޯދައިގެ ދަރުމައާއި ގުޅޭ ގޮތުން ލިޔުއްވާފައިވާ ލިޔުމަކުންނެވެ.