English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި 75 ހައުސިންގ ޔުނިޓް އަޅައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އަޅާ މި ޔުނިޓްތަކާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ, މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ.ފޭދޫގައި 75 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު”ގައި ވާގޮތުގެމަތީން ރަޖިސްޓަރީވެ ޝަރުތު ހަމަވާ ފަރާތްތަކަށެވެ. ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.

މި މަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv އިން 5 އެޕްރީލް 2022 އިން ފެށިގެން ޑައުންލޯޑް ކުރެވޭނެކަމަށް މިނިސްޓްރީ ޢާއްމުކޮށްފައިވާ އިޢުލާނުގައު ވެއެވެ.

މި ޕްރޮޖެކްޓު ގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/381000 ރ (ތިންލައްކަ އައްޑިހަ އެއްހާސް ރުފިޔާ) ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

މި ޕްރޮޖެކްޓުގެ ބިޑްތައް ހުޅުވުން އޮންނާނީ 20 އޭޕްރިލް 2022 ވާ ބުދަ ދުވަހުގެ 13:00ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

މީގެ ކުރިންވެސް އައްޑޫސިޓީ ފޭދޫގައިވަނީ އެ އަވަށުގެ ދެ ސަރަޙައްދެއްގައި ހައުސިން ޔުނިޓްތަކެއް އަޅާފައެވެ. ބޯހިޔާވަހިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ފޭދޫގެ ވަށައިގެން ބޮޑު ބައެއް ހިއްކާފައިވެސް ވެއެވެ. ރައީސް ޔާމީންގެ ދައުރުގައި ހިއްކި މި ބިމުން އަދި ގޯތި ދޫކޮށްފައެއް ނުވެއެވެ.

އައްޑޫސިޓީގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް ސަރުކާރުން ހިންގާ ޕްރޮޖެކްޓްގައި މިދިޔަ މާރޗް މަހުވެސް އައްޑޫ ސިޓީ ހިތަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމަށް އިޢުލާން ކޮށްފައިވެއެވެ.

އެސިޓީގައި މިހާރު ހިނގަމުން އަންނަ ބޯހިޔާވަހި ކަމުގެ އިތުރު ޕްރޮޖެކްޓް ތަކުގެ ތެރޭ ރެސިޑެންޝަލް ހައުސިންގް ޔުނިޓް އެޅުމަށް އައްޑޫސިޓީ ކައުންސިލް އާއި ތުރުކީގެ ވިޒްޔޮން ވިލާ ކުންފުންޏާއި އެކު 2022 ޖެނުއަރީ މަހުގެ ތެރޭ ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އަދި އައްޑޫ ސިޓީގެ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި 1000 އާއި 2000 އާއި ދެމެދުގެ ސޯޝަލް ހައުސިންގ ޔުނިޓް އެޅުމަށް ވެސް އައްޑޫސިޓީ ކައުންސިލާއި ޗައިނާގެ ބީ.ޔޫ.ސީ.އެން.ޖީ ކުންފުންޏާ ދެމެދު ފްރޭމްވޯކް އެގްރީމަންޓެއްގައި ސޮއި ކޮށްފައިވެއެވެ.