މިއީ ހެޔޮކަމުގެ މޫސުންކަމަށާއި މި މައްސަރުގެ ފައިދާ ލިބިގަތުމަށް އަވަސްވުމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިލްޔާސް ޙުސައިން އިލްތިމާސްކުރައްވައިފިއެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބޭއްވި ފުރަތަމަ ފޯރަމް ގައި ވާހަކަ ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެއްވެސް ކަމަކަށް ބޭނުންވެ ވޮޑިގެން ނުވާއިރުވެސް އިންސާނުންނަށް ގޮވާލައްވަނީ އެކަލާނގެ މި ދެއްވާ ދެއްވުންތައް ލިބިގަތުމަށް އިންސާނުން އަވަސްވެ ގަންނަންކަމަށެވެ.
ހެޔޮކަންތަކަށް އަވަސްވެގަނެ، ނުބައިކަންތަކުން ދުރުވުމުން އެ ފައިދާވަނީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ނޫން ކަށާއި އެކަމުގެ ފައިދާ ވާނީ އިންސާނާއަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އިޚްލާސްތެރިކަމާއި އީމާންތެރިކަމާއެކު ރޯދައެއް ހިފައިފިނަމަ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފޮހެވިގެންދާކަން ހަނދާންކޮށްދެއްވަމުން ރޯދަ ހިފުމާއި ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ޝައިޚް އިލްޔާސް ބައްލަވާލެއްވިއެވެ.
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން ފެށި މިއަހަރުގެ ފުރަތަމަ ޕްރޮގްރާމުގެ މައުޟޫޢުއަކީ “ހެޔޮކަމުގެ މޫސުމުގެ ފައިދާ ލިބިގަތުމުގައި އަވަސްވެގަންނާށެވެ!” އެވެ.
1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމް ކޮންމެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހެއްގެ ރޭ ކުރިއަށްދާނެއެވެ. އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ފޯރަމް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.
އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގައެވެ. އަދި ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައެވެ.
އެގޮތުން އައްޑު ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީ އާއި ރ. އުނގޫފާރުގައި މިއަހަރުގެ އިޙްޔާ ފޯރަމް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.