English Edition
Dhivehi Edition

ރަމަޟާންމަހަކީ ޢާންމު ގޮތެއްގައި އަޅުގަނޑުމެން ދިވެހީންގެ ތެރޭގައި އިސްރާފް ކުރުން ބޮޑު މަހެކެވެ. އަޅުގަނޑުމެން ހޭދަކުރަމުން މިދާ ރަމަޟާން މަހަކީ ޢާންމު ގޮތެއްގައި މުސްލިމުންގެ ގާތުގައި ވަރަށް އިސްރާފު ބޮޑު މަހެކެވެ.

ރަމަޟާންމަހު ރޯދަވީއްލުމަށްޓަކައި ތަފާތު އެތައް ބާވަތެއްގެ ކާބޯތަކެތި ތައްޔާރުކުރުމަކީ އަޅުގަނޑުމެންގެ އާދައެކެވެ. ރަމަޟާން މަހުގެ ރޯދަ ވިއްލުމަށް ތައްޔާރު ކުރެވޭ ގިނަ ކާތަކެތީގެ ތެރެއިން އަޅުގަނޑުމެން ބޭނުން ހިފަނީ މަދު އެތިކޮޅެކެވެ. ތައްޔާރު ކުރާ ބޮޑު ބައެއް ހޮނޑަށް އުކާލަނީ އެވެ. މިއީކިހާ ބޮޑު އިސްރާފެއްހެއްޔެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. އިސްރާފު ކުރުމަކީ ނުބައިކަން ބޮޑު ކަމެކެވެ. އެއީ މުސްލިމުންގެ ސިފައެއްނޫނެވެ. އަދި އެއީ ޝައިޠާނާގެ ސިފައެކެވެ. އިސްރާފު ކުރުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަޙީ ކުރައްވާފައިވާ ކަމެކެވެ.

ބަރަކާތްތެރި ރަމަޟާން މަހު އަޅުގަނޑުމެން ހަނދާން ކުރަންވީ، ކާބޯތަކެތީން އިސްރާފު ނުކުރުމަށެވެ. ކޮންމެ ދުވަހަކުވެސް އެދުހަކަށް ވާވަރަށް ކާއެތިކޮޅު ތައްޔާރުކޮށް ލުމަކީ އެންމެ ރަނގަޅު ގޮތެވެ. ނުކެވޭވަރަށް ކާތަކެތި ތައްޔާރުކޮށް އޭގެ އިން ބޮޑުބައެއް އުކާލަން ޖެހުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އެހެން ކަމުން މި ރަމަޟާން މަހު މިކަމަށް ވަރަށް ބޮޑަށް ސަމާލުކަމެއް ދޭއް އެބަޖެހެއެވެ.

އިސްރާފުކުރާ މީހުންނަކީ އެބައެއް ދެކެ ކީރިތި ﷲ ލޯބިވެ ވޮޑިގެންވާ ބައެއް ނޫނެވެ. މިކަން ބަޔާންކޮށް އަޢުރާފު ސޫރަތުގެ 31 ވަނަ އާޔަތުގައިވާ މާތް ﷲ އަންގަވާ ފައިވާ ވަޙީ ބަސްފުޅުގެ މާނައިގައިވެއެވެ. “އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ! ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެއެވެ.

ބަރަކާތްތެރި ރަމަޟާންމަހު ގިނަގިނައިން ﷲ މަތިން ހަނދުމަކޮށް، ހެޔޮ ކަންތައްތައް ކުރުން ގިނަ ކުރުމަކީ، މި މަތިވެރި މަހުގެ ދަރުމަ އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި ކުރަންޖެހޭނެ ކަމެކެވެ. ކާބޯތަކެތި، ތިމާ އަށާ ތިމާގެ އާއިލާ އަށް ފުދޭވަރަށް ވުރެ އިތުރަށް ތައްޔާރު ކޮށް އިސްރާފު ވެގެންދާ އެއްޗަކަށް ހެދުމުގެ ބަދަލުގައި އަވަށްޓެރިންނަށާއި ނިކަމެތިންނަށް އެތަކެތި ހަދިޔާ ކުރާށެވެ.

މި ރަމަޟާން މަހަކީ އަޅުގަނޑުމެން ސުވަރުގެ ޙާޞިލުކުރުމަށް އޮތް ވަޞީލަތެއްކަމަށް ވާއިރު، ހެޔޮ ޢަމަލުގެ ތިލަފަތް ބަރުކުރާ މަހަކަށް މި މައްސަރު ހަދަމާ ހިނގާށެވެ. އެއްހާސް މައްސަރުގެޘަވާބު ހޯދައި 80 އަހަރު ހެޔޮ ޢަމަލުކުރުމުގެ ދަރުމަ ހޯދާ މަހަކަށް މި މައްސަރު ހަދަމާ ހިނގާށެވެ.