‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު ޑިޝްއެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ބޭކެޑް މެޝްޑް ޕޮޓޭޓޯ” ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.
ބޭނުންވާތަކެތި:
5 މީހުންނަށް
500ގ ކިރު
90ގ މެޝްޑް ޕޮޓޭޓޯ (އަލުވި ފެނުކައްކާފައި ޗަސްކޮށްފައި)
25ގ ބަޓާރ
50ގ ފްރެޝް ކްރީމް
250ގ ކްރީމް ޗީޒް
އޮނިއަން ޕައުޑަރ ރަހަލާވަރަށް
2 ބިސް ގިރާފައި
ލޮނު އަދި އަސޭމިރުސް (ރަހަލާވަރަށް)
ތައްޔާރުކުރާނެގޮތް:
އަވަން 175 ޑިގްރީއަށް ހޫނުކުރާށެވެ. ކިރުގެ ތެރެއަށް ކުޑަ ލޮނުކޮޅެއް ލާފައި ކައްކަން އުދާލާށެވެ. ކިރު ކެކިގަތީމަ ޗަސްކޮށްފައި ހުރި އަލުވި އަޅާފައި ދެ މިނެޓް ވަންދެން ދޭފަތުން ރަނގަޅަށް އެއްކުރަމުން ގެންދާށެވެ. ކިރާއި އަލުވި އެއްކުރެވުނީމާ އުންދުން މަތިން ބާލާފައި ތައްޓަކަށް އަޅާފައި ބަޓަރ އަދި ކްރީމް އެޅުމަށް ފަހު އަނެއްކާ އެއްކުރާށެވެ. ދެން ކްރީމް ޗީޒް އަދި އޮނިއަން ޕައުޑަރ އަޅަމުން ހޭންޑް މިކްސަރުން އެއްކުރަމުން ދާށެވެ. އެހެން ބޯތައްޓެއް ގެތެރެއަށް ކުޑަ މެޝްޑް ޕޮޓޭޓޯ ކޮޅެއް އެޅުމަށްފަހު ބިސް އަޅާފައި ގިރާލާށެވެ. ތައްޔާރުކޮށްފައި ހުރި މެޝްޑް ޕޮޓޭޓޯ ތައްޓަށް އެއްކުރި ބިސް އަޅާފައި ލޮނު އަދި އަސޭމިރުސް އެޅުމަށްފަހު ރަހަ ހެޔޮވަރު ކޮށްލާށެވެ.
ތައްޔާރު ކުރި މެޝްޑް ޕޮޓޭޓޯ ޓްރޭ އަކަށް އަޅާފައި 1 ގަޑި އިރު ވަންދެން 175 ޑިގްރީގައި ފިހެލާށެވެ. މައްޗަށް މުށިކުލަ އަރަން ފެށީމަ ޗީޒްގާނާފައި އެޅުމަށްފަހު ޗީޒް ވިރެންދެން ފިހެލާށެވެ.